ރާއްޖޭގައި މިހާރު އޮތް އެމްޑީޕީ ސަރުކާރަކީ އެންމެ ހަރާންކޯރު ސަރުކާރު ކަމަށާއި ފާއިތުވެގެން މިދިޔައީ ވެރިކަމުގެ އެންމެ ހުތުރު 5 އަހަރު ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިސަރުކާރުގައި ފާއިތުވީ 5 އަހަރަކީ ވެރިކަމުގައި އެންމެ ހުތުރު 5 އަހަރު ކަމަށާއި މިފަސް އަހަރުގައި އެމްޑީޕީ ސަރުކާރުން ހިންގި އެންމެ ކާމިޔާބީ ޕރޮޖެކްޓްތަކަކީ ޓެކްސް ބޮޑުކުރުމާއި ތަކެތީގެ އަގުބޮޑުކުރުމާއި ރައީސް އާއި ވެރިންގެ ނިމުމެއް ނެތް ދަތުރުތަކުގެ އިތުރުން ރިކޯޑް އަދަދަށް ސިޔާސީ މަޤާމް އުފެއްދުން ކަމަށެވެ.

ސަރުކާރުގެ ބައެއް ސިޔާސަތުތައް ފާހަގަކުރައްވައި ފާޑުވިދާޅުވަމުން ޓެކްސް ބޮޑުކުރުމުގެ ވާހަކަ ވިދާޅުވެފައިވަނީ އަންނަ ޖެނުއަރީ މަހު ފުރަތަމަ ދުވަހުން ފެށިގެން ޖީއެސްޓީގެ ގޮތުގައި %8 އަދި ޓީޖީއެސްޓީގެ ގޮތުގައި %16 ނަގާން ސަރުކާރުން ނިންމާފައިވުމާއި ގުޅިގެންނެވެ. މިހާރު ނަގަނީ ޖީއެސްޓީގެ ގޮތުގައި %6 އަދި ޓީޖީއެސްޓީގެ %8 އެވެ. ރައްޔިތުންނަށް ޓެކްސްގެ ތަކްލީފް ޖައްސާފައި ވެރިން އުޅުއްވަނީ ނުކުރެއްވެވި ހުރި ދަތުރުތައް ކުރައްވައި މަޖާ ނެންގެވުމުގައި ކަމަށް ޖަމީލް ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ.

މީގެއިތުރުން ސިޔާސީ މަޤާމު އިތުރުވެގެން ރިޔާސީ ކެމްޕޭނުގައި ރައީސް ޞާލިޙް ވާހަކަ ދެއްކެވި ކަމަށާއި ނަމަވެސް މިފަދަ ކޮންމެ ކަމަކުން ތަމްސީލު ކުރައްވަނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދަތަކަށް ޚިޔާނާތްތެރިވެވަޑައިގަތުން ކަމަށް ވެސް ޖަމީލް ވިދާޅުވެފައިވެއެވެ. އަދި މިއަދު ސިޔާސީ މަޤާމުތަކާއި ކުރާ ޚަރަދުވެސް ހާމަކުރަން ދެކޮޅު ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސައްޕު

    ނައިބު ރައީސެއްގެ ގޮތުގައ ިރައްޔިތުން އިންތިޚާބުކުރި ބޭފުޅަކަށް ހަރާންކޯރުވީ މިސަރުކާރުގަތޯ ނުވަތަ ކޮން ސަރުކާރެއްގަތޯ؟

    1
    1
  2. މަރީ

    އެހެންވެތާ އިނގިރޭސި ވިލާތައް އަމިއްލަޔަށް އަރުވާލެވިގެންހުރެ ވަގުބުޅާ ވަގުބުޅާކިޔާ ތެޅިފޮޅުނީ

    1
    1
  3. އަސް

    ހަމަ ތިހެން ކަލޭ އެއްޗެހި ގޮވި ޔާމީނަށް ވެސް. ހަމަ ގޮލައެއް ހެނެއް ހިއެއް ނުވޭ