ދަނޑުވެރިން ހައްދާ ތަކެތި އެގްރޯ ނެޝަނަލް ކޯފަރޭޝަން ލިމިޓެޑް މެދުވެރިކޮށް ބޮޑު އަގުގައި ނުވިއްކޭ ކަމުގެ ޝަކުވާ ގދ. ނިލަންދޫ އ.ތ.މ. ކޮމިޓީއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަމާލުކަމަށް ގެނެެސްފިއެވެ.

މި ސަރުކާރުން އުފެއްދި އެގްރޯނެޓްގެ އަމާޒަކީ ދަނޑުވެރިކަމަށް ބޭނުންވާ އިދާރީ އަދި ފަންނީ ދާއިރާއިން ލިޔާގަތާއި ގާބިލިއްޔަތު އުފައްދައި ތަރައްގީކޮށް އާ ހަރުފަތަކަށް ދިވެހި ދަނޑުވެރިކަން ވާސިލް ކޮށްދިނުމެވެ.

ނިލަންދޫން މި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ރައީސް އެރަށު ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްގީއަށް ރައްޔިތުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ކުރެއްވި މަޝްވަރާ ބައްދަލުވުމެއްްގެ ތެރެއިންނެވެ.

މިބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހެނދުނު އެރަށު ކައުންސިލް އިދާރާގައެވެ.

މިބައްދަލުކުރެއްވުމުގައި، ނިލަންދޫ ކައުންސިލުން ވަނީ މިސަރުކާރުން ނިލަންދޫގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ހިންގަމުންދާކަން ފާހަގަކުރައްވައި، ރައީސް ސޯލިހްގެ ޒައާމަތުގައި އެރަށުގެ ތަރައްގީއަށް ކޮށްދެއްވާފައިވާ ގިނަ ގުނަ ކަންކަން ކައުންސިލާއި ރައްޔިތުން ބަލައިގަނެފައިވާކަމުގައި ވިދާޅުވެފައެވެ.

މިގޮތުން އެބޭފުޅުން ވަނީ ނިލަންދޫގެ ސްކޫލު އިމާރާތާއި، އެގްރޯނެޓް ގެ އިމާރާތް އަދި ވޮލީ ކޯޓް ނިމިފައިވާ ކަަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލާއި އަންހެނުންގެ ކޮމިޓީން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާއި މަޝްވަރާކުރައްވައިގެން އެދެވޭ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.