ގއ. ދާންދޫއާއި ގއ. ނިލަންދޫ ބްރިޖްއަކުން ގުޅާލަ ދޭން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލަން ދާންދޫގެ ރަށު ކައުންސިލުން ގަރާރެއް ފާސްކޮށްފިއެވެ.

ދާންދޫ ކައުންސިލްގެ ހުރިހާ މެންބަރުން ސޮއި ކުރައްވައި އިއްޔެ ނެރުނު ގަރާރެއްގައި ވަނީ ހުރިހާ ރަށެއްގައި ހުރިހާ ކަމެއް ގާއިމް ކުރުމަކީ ފަސޭހަ ކަމަށް ނުވާތެނީއާ އެކީގައި ދާންދޫއާއި ނިލަންދޫ ދެމެދު ޚިދުމަތްތައް ޚިއްސާ ކުރުމަށް ޓަކައި ބްރިޖެއް އެޅުމަކީ މުހިއްމު ކަމެއް ކަމަށެވެ.

މި ދުވަސްވަރަކީ ގއ. އަތޮޅުގެ ވެރިކަން ކުރާ ވިލިނގިލިން ފެށިގެން ދާންދޫއާ ހަމައަށް ގުޅާލުމުގެ މަޝްވަރާތަކެއް ވެސް އަތޮޅު ކައުންސިލްގައި ރަށްރަށުގެ ކައުންސިލްގެ ރައީސުން ހިނގަމުންދާ މަޝްވަރާއެއް ކަން ވެސް އެ ގަރާރުގައި ފާހަގަ ކޮށްފައިވެއެވެ.

މި ކަން ކުރުމުގެ ފުރަތަމަ އެއް ފިޔަވަހީގެ ކަމަކަށް ދާންދޫއާއި ނިލަންދޫ ގުޅުވާލުން މުހިއްމު ކަމުގައި އެ ގަރާރުގައިވެއެވެ. މި ގޮތުން ދެ ރަށުގެ ދެމެދުގައި ވަނީ 1،390 މީޓަރު ކަމާއި، ދެ ރަށް ގުޅާލުމުގެ މަސައްކަތަކީ އެހާ ބޮޑު މަސައްކަތެއް ކަމުގައި ވެސް ނުދެކޭ ކަމަށް އޭގައިވެއެވެ.

އެހެންވެ ދާންދޫއާއި ނިލަންދޫ ބްރިޖްއަކުން ގުޅާލުމަށް ބޭނުންވާ ކަންކަން ކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި ސަރުކާރަށް ގޮވާލުމަށް ދާންދޫ ދާއިރާގެ ފަސް މެންބަރުންގެ އިއްތިފާގުން އެ ގަރާރު ނެރުމަށް އިގުރާރު ވެފައިވާ ކަމަށް އޭގައިވެއެވެ.

އެއް ފަޅު ތެރޭ އޮންނަ ރަށްރަށާއި ކައިރި އޮންނަ ރަށްރަށާ ދެމެދު ބްރިޖް އެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަސައްވުރެކެވެ. މި ގޮތުން ގއ. ވިލިނގިލި އަދި ކައިރީ އޮންނަ ކޫއްޑޫ ދެމެދު ބްރިޖެއް އެޅުމަކީ އެމަނިކުފާނުގެ ވައުދުފުޅެކެވެ. އެ މަސައްކަތް ވެސް އަދި ނުފެށެއެވެ. އަދި ދާންދޫއިން މި ވަނީ އެ އަތޮޅުގައި އިތުރު ބްރިޖެއް އެޅުމަށް އެދި ކައުންސިލްގެ ގަރާރެއް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސސ

    2023 - 2027 މި ދެމެދުގައި އޮންނާ ބުރިޖުތަކުން ރާއްޖޭގެ ރައްތަށް ގުޅާލާ އިމުރާނީ ތަރާނީ ތަރައްޤީ ފަހިކޮށްދިނުން ރާއްޖޭގެ ވަރަށް ގިނަރައްތަށް މިގޮތުން ގުޅާލެވި ތަރައްޤީ އެއްފަސްކުރެވިދާނެ !

  2. ލލ

    ބުރިޖުއެޅީމާ ކަންޑުއޮޅި ބެދި ދަތުރުކިރާ މީހުނަށް އިތުރު ދަތިތަކާއި ބުރަ އުފުލަން ނުޖެހޭނެބާ ؟