ކުރިއަށް އޮތް ދެތިންމަސް ތެރޭގައި މަސްވެރިންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ވަގުތީ ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ތަރައްގީގެ މަޝްރޫއުތަކެއް ފައްޓަވައިދެއްވުމަށް ހުވަދު އަތޮޅުގެ ތިން ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި، ގއ. ދާންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވިދާޅުވީ، ހުވަދު އަތޮޅަކީ މަސްވެރިން އެންމެ ގިނަ އަތޮޅު ކަމަށާއި މަސްވެރިން މިހާރު ކުރަމުންދާ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ކުރިއަށް އޮތް ދެތިން މަސްތެރޭ ވަގުތީ ހައްލު ލިބިގެންދާނެ ކަމަށެވެ.

އެގޮތުން ފެނަކަ މެދުވެރިކޮށް ކްރެޑިޓަށް އައިސް ވިއްކުމާއި، ކުރިޔަށް އޮތް ދެހަފްތާއެއްހާ ދުވަސްތެރޭ މަސްވެރިން ބޭނުންވާ މިންވަރަށް އެސްޓީއޯ މެދުވެރިކޮށް ތެޔޮ ލިބޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް ރައިސް ވަނީ ވިދާޅުވެފައެވެ. އަދި މަސްވެރިން ބޭނުންނަމަ ކްރެޑިޓަށް ވެސް ތެލާއި ޑީސަލް ލިބޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސްތެރޭ، އެސްޓީއޯ މެދުވެރިކޮށް މަސްވެރިން ބޭނުންވާ ވަރަށް ތެޔޮ ލިބިގެންދާނެ. ދެތިންމަސް ތެރޭ މަސްވެރިންގެ ކަންކަމަށް ވަގުތީ ހައްލު ލިބިގެންދާނެ." ރައީސް ވިދާޅުވިއެވެ.

ދާންދޫ ރައްޔިތުން ވަނީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސްއާ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

އެގޮތުން ރަށުގެ ރައްޔިތުން ވަނީ ދާންދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ބޭނުންތެރިކަމާއި، ދޯނި ފަހަރު އެހެލާނެ ސަރަހައްދެއް ގާއިމުކުރުމާއި، މަސްކިރުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ބޭނުންވާކަން ހާމަކޮށްފައެވެ. އަދި ރަށުގައި އެއާޕޯޓެއް ގާއިމްކުރުމުގެ މުހިންމުކަމާއި، ފަތުރުވެރިކަން އެރަށުގައި ކުރިޔަށް ގެންދަން ބޭނުންކަމާ އަދި އިތުރު އާމްދަނީއާއި ވަޒީފާގެ ފުރުސަތު ފަހިވާނެ ގޮތެއް ބޭނުންވާކަން ފާހަގަ ކުރި އެވެ.

މީގެ އިތުރުން ވެސް ރައްޔިތުން ވަނީ ދާންދޫއިން ލިބޭ ސިއްހީ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި، މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި، ސްކޫލަށް ބޭނުންވާ ކަންކަން ވެސް ރައީސްގެ އަރިހުގައި ދެންނެވި އެވެ.

ދާންދޫ ރައްޔިތުންގެ ޝަކުވާތައް އަޑުއެހުމަށްފަހު ރައީސް ވިދާޅުވީ ދާންދޫ ރައްޔިތުން އެދިފައިވާ ކަންކަން ސަރުކާރުން ވީ ވަރަކުން ފުއްދަވަމުން ގެންދަވާނެކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސިޔާސީ

    މި ފާއިތުވި ހުރިހާ ދުވަހު މަސްވެރިން ކޮބާތޯ؟ އެމީހުންގެ ޝަކުވާ ނެތީތޯ؟ ކައިރި ވީމަވެސް މިކަންތައްތައް ވަންޏާ ރަނގަޅު. ވަރަށް ފާޑެއްގެ ކަމެއްވިއްޔާ މީ. އެހެންވެ ވަރަށް ފާޑަކަށް އުފާވޭ......