ގއ. ދާންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ގިނަ މަސައްކަތްތަކެއް ނިމިފައިވާ ކަމަށް އެމްޓީސީސީއިން ބުނެފި އެވެ.

އެމްޓީސީސީއިން ބުނީ ދާންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތާއި، ކޮންކްރީޓް މަސައްކަތްތަކާއި، ރޭމްޕް ހަރުކުރުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށެވެ.

އަދި ބޭރުތޮށި ލުމުގެ މަސައްކަތުގެ 55 އިންސައްތަ ވެސް ވަނީ ނިމިފައި ކަމަށެވެ.

ދާންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން،52،099 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ބަނދަރު ފުންކުރުމާއި، 4953 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 30 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖަހާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
333 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 170 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 529 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1203 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް މިމަޝްރޫގައި ހިމެނެއެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 70.8 މިލިއަން ރުފިޔާއެވެ.