ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ނިލަންދޫ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ނިލަންދޫ އިންނެވެ. އެގޮތުން ފުރަތަމަ ހާފު ފަށައިގެން 7 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ބިދޭސީ ކުޅުންތެރިއާ ޓޮޝޯކީ އޮކަމޯޓޯ އެވެ.

ނިލަންދޫގެ ލަނޑަށްފަހު ނަތީޖާ ހަމަހަމަ ކުރަން ދަ ގްރާންޑޭ އަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން މެޗުގެ 19 ވަނަ މިނެޓުގައި ޔަސްފާދު ހަބީބް ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ. އޭގެ ފަހުން 28 ވަނަ މިނެޓުގައި އަޔާޒް އަހުމަދު ނަގައިދިން ހުރަހަކުން އޮބައިދާ ގޯލަށް ފޮނުވާލި ބޯޅަ މެޗުގައި މޮޅު ކުޅުމެއް ދެއްކި ނިލަންދޫގެ ގޯލްކީޕަރު މުހައްމަދު ޝަފީއު ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޔަސްފާދު ނިލަންދޫގެ ގޯލު ފޫއަޅުވާލި ނަމަވެސް ލަނޑު ޖެހުމުގެ ކުރިން ގޯލްކީޕަރަށް ފައުލްކޮށްފައި ވުމުން ރެފްރީ ވަނީ އެ ލަނޑު ބާތިލް ކޮށްފަ އެވެ.

ދެވަނަ ހާފު ފަށައިގެންވެސް ދަ ގްރާންޑޭ އިން މޮޅު ކުޅުމެއް ދެއްކި އިރު 64 ވަނަ މިނެޓުގައި އެޓީމުން ލަނޑެއް ޖެހުމާއި ކައިރިއަށް ދިޔަ އެވެ. އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަހުމަދު އިމާޒް ބޮލުން ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ނިލަންދޫގެ ކީޕަރެވެ. އިމާޒުގެ އެ ހަމަލާ ކީޕަރު މަތަކުރި ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ޔަސްފާދު ތަނަވަސްކޮށްދިން ފުރުސަތެއްގައި އަޔާޒް ވަނީ ދަ ގްރާންޑޭ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ނިލަންދޫ އަށް އިތުރު ނުތަނަވަސްކަމަކާއި ކުރިމަތިވީ 75 ވަނަ މިނެޓުގައި އެޓީމުގެ ބިދޭސީ ފޯވާޑް ލޫކަސް އަށް ރެފްރީ ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ބޯޅަ ނެތީސް ދަ ގްރާންޑޭގެ ކުޅުންތެރިއަކަށް ހަމަލާ ދިނުމުގެ ސަބަބުންނެވެ.

1-1 އިން ދެޓީމު އެއްވަރު ވަމުން ދަނިކޮށް 85 ވަނަ މިނެޓުގައި މެޗުން ތިން ޕޮއިންޓް ދަ ގްރާންޑޭ އަށް ކަށަވަރު ކޮށްދޭން އިމާޒު އަށް ލިބުނު ފުރުސަތުގައި އޭނާ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މި ނަތީޖާއާއެކު ދަ ގްރާންޑޭ އޮތީ ދިވެހި ލީގު ތާވަލުގެ ފަސްވަނައިގައި 16 މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. ނިލަންދޫ އޮތީ 16 މެޗުން 14 ޕޮއިންޓު ހަމަކޮށް ތާވަލުގެ ހަތްވަނައިގަ އެވެ.