ސްކޫލްތަކުގެ ޓާމް ބަންދާ ދިމާކޮށް ރެހެންދީ ސްކޫލްގައި ނައިޓް މާކެޓެއް ފަށައިފިއެވެ.

ރެހެންދީ ސްކޫލުން ބުނީ އެ ސްކޫލް ޕީޓީއޭ އަކީ ސްކޫލު ތަރައްގީ ކުރުމުގައި ފެށުނީއްސުރެ ވަރަށް މުހިއްމު ދައުރެއް އަދާކުރަމުން ގެންދާ ބައެއް ކަމަށެވެ.

އެގޮތުން 2015 ވަނަ އަހަރުން ފެށިގެން ނައިޓްމާކެޓް އާއި އެކި ނަން ނަމުގައި ސޭލް ހިންގުމާއި ބެޖް ވިއްކުން ފަދަ ތަފާތު ހަރަކާތްތައް ހިންގައިގެން ފަންޑު ހޯދުމަށްފަހު، އެ ސްކޫލުގެ އުމުރާނީ ތަރައްގީއަށާއި ކިޔަވައިދިނުމާ ސީދާ ގުޅުންހުރި ހަރަކާތްތަކުގެ އިތުރުން އުމުރާނީ ވަސީލަތްތައް ގާއިމްކޮށްދިނުމުގައި ޕީޓީއޭއިން ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ކަމަށް އެ ސްކޫލުން ބުނެފައިވެއެވެ.

ސްކޫލުގެ ހުރިހާ ކްލާސްރޫމެއްގައި މަލްޓިމީޑިއާ ޕްރޮޖެކްޓަރު ބެހެއްޓުމާއި، ސްކޫލް ގްރައުންޑުގައި ޓާފު އެޅުމާއި، ކްލާސް ރޫމުތަކުގެ ކައިރީ ހުރިހާ ފްލޯތަކެއްގައި އަތް ދޮންނަ ނިޒާމް ގާއިމްކުރުމުގެ އިތުރުން ކުޑަކުދިންގެ ދުވަހާއި މުދައްރިސުންގެ ދުވަސް ކުލަ ގަދަކޮށް ފާހަގަކުރުން ފަދަ ކަންކަން ޕީޓީއޭއިން ކުރިއެވެ.

ރެހެންދީ ސްކޫލުން ބުނީ މާލޭ ސަރަޙައްދުގެ ގިނަ ވިޔަފާރިވެރިން ބައިވެރިވެގެން ތަފާތު ވައްތަރުގެ މުދާ ވަރަށް ހެޔޮ އަގުގައި ވިއްކަމުން ގެންދާ ސޭލެއް މިއަދުން ފެށިގެން ޖެނުއަރީ މަހުގެ ތިންވަނަ ދުވަހަށް ރެހެންދީ ސްކޫލްގައި ކުރިއަށްދާނެ ކަމަށެވެ.

އެ ސޭލް ކުރިއަށް ދާނީ ހަވީރު 4:00 އިން ރޭގަނޑު 12:00 އަށް ކަމަށް އެ ސްކޫލުން ބުނެއެވެ.

ނައިޓް މާކެޓާއި ސޭލްފަދަ ވިޔަފާރީގެ ޙަރަކާތްތައް ހިންގުމުގެ ތަޖުރިބާ އާއެކު ވިޔަފާރިވެރިން މަގްބޫލުކަން ހޯދާފައިވާ ރެހެންދި ސްކޫލުގެ ޕީޓީއޭއިން މިހާރު ކުރިޔަށްގެންދާ ސޭލްވެސް ކުރިޔަށްދަނީ ވިޔަފާރިވެރިންނާއި އެސްކޫލުގެ ޕީޓީއޭއާ ގުޅިގެން ވަރަށް ފޯރިއާއެކުގައި ކަމަށް ސްކޫލުން ބުނެއެވެ.

އަންނައުނާއި ބަދިގެ ސާމާނާއި ފައިވާނާ ބޫޓްގެ އިތުރުން ރީތިވާ ސާމާނާފަދަ އެތައް އައިޓަމްތަކަކާއި ކާބޯތަކެތީގެ ގިނަ ސްޓޯލްތަކެއް ހެދިފައިވާ މިސޭލަށް މިހާރުވެސް ގިނަބަޔަކު ވަނީ ޒިޔާރަތްކޮށްފައި ކަމަށާއި އަދިވެސް އިތުރުފަރާތްތަކުން ޒިޔާރަތްކޮށްލުމަކީ ރެހެންދި ސްކޫލުގެ ޕީޓީއޭގެ ވަރަށްބޮޑު އެދުމެއް ކަމަށް އެ ސްކޫލުން ބުނެއެވެ.