މިދިޔަ ބުރާސްފަތި ދުވަހާއި އިއްޔެ މާލޭގެ އެކި ސަރަހައްދުތަކުން 110.8 ޓަނުގެ ކުނި ނަގައި މާލެތެރެ ސާފުކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން އިއްޔެ ބުނެފިއެވެ.

މާލޭގެ ގެތަކުން މަގުމައްޗަށް ނެރޭ ކުނިތައް ނެގުން ވެމްކޯ އިން ހުއްޓާލުމާ ގުޅިގެން މާލޭގެ މަގުތަކުގައި ކުނި ގިނަވެ، އާންމުން އިންތިހާ އަށް ޝަކުވާ ކުރަން ފެށިއެވެ. އެހެންވެ، ސިޓީ ކައުންސިލުން ވަނީ މިދިޔަ ހަފްތާ އިން ފެށިގެން މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނުން ކުނި ނަގަން ފަށައިފައެވެ.

މާލޭގެ މަގުތަކާއި މައިޒާންތަކާއި ޕާކުތައް ސާފުކުރުމުގެ ޒިންމާ ސިޓީ ކައުންސިލުން ކުރިން ހަވާލުކޮށްފައި އޮތީ ވެމްކޯއާއެވެ. އެ އެއްބަސްވުން މި މަހުގެ ފަހުކޮޅު ހަމަވުމުން ސިޓީ ކައުންސިލުން ނިންމީ އެއްބަސްވުން އާ ނުކުރާށެވެ. އެއާއެކު ދެން ފެނުނީ ގޭގެ އިން މަގުމައްޗަށް ނެރޭ ކުނިތައް ނެގުން ވެމްކޯ އިން ހުއްޓާލި ތަނެވެ. އެއްބަސްވުން ދެމިއޮތް އިރު، ވެމްކޯ އިން އައީ ގޭގެ އިން މަގުމައްޗަށް ނެރޭ ކުނިތައް ނަގަމުންނެވެ.

ވެމްކޯ އިން ބުނި ގޮތުގައި ވެމްކޯގެ ހިދުމަތްތައް ގާނޫނީ ގޮތުން ލާޒިމް ވަނީ ހަމައެކަނި ހިދުމަތަށް އެދި ރަޖިސްޓްރީކޮށްފައިވާ ތަންތަނަށް އެކަނިއެވެ. އަދި ރަޖިސްޓްރީ ނުކުރާ ގެތަކުން ކުނި ނަގަން ޖެހޭނީ މާލެ ސިޓީ ކައުންސިލުން ކަމަށް ވެސް ވެމްކޯ އިން ބުނެފައިވެއެވެ.

މާލެ ސިޓީ ކައުންސިލާއި ވެމްކޯ ބޮޑު "ހައިޖާނު" ގަނޑެއްގެ ތެރޭގައި އޮއްވައި އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާގެ އެދިވަޑައިގަތުމަކަށް މާލޭގެ މަގުތަކުން ކުނި ނެގުމުގެ ހާއްސަ އޮޕަރޭޝަނެއް ވެމްކޯ އިން ވަނީ ފަށައިފައެވެ.

ކުނި ނެގުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވާއިރު، މާލެތެރެ ސާފުތާހިރުކޮށް ބޭއްވުމަށް ކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ކުންފުނީގެ ހިދުމަތް ހޯދަމުން އަންނަ ފަރާތްތަކުން މަގުތަކަށް ކުނި ނޭޅުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނޫރު

    ޑރ. މުއިޒް ކުރާނެ ކުރެވޭނެ. އިންޝާ ﷲ.

  2. ތަހާން

    މިހާގިނަ ކުނި މާލެގެ މަގުތަކުގަ ހުރިއިރު ސަރުކާރު އޮތީ ނިދާފަ މިހާރު ހޭލާގެން ގެޕޭނުކުރަނީ ކުނިނަގާ ކުނި ކަހާ