ވިލިމާލެ އިން ތެޔޮ ބޯޓެއްގައި ފުރި ދެ މީހުން ގެއްލިގެން ހޯދަމުން އަންނަ އިރު، އެމީހުން އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ވިލިމާލެ އިން ތެޔޮ ބޯޓެއްގައި ފުުރި ދެ މީހެއްގެ ހަބަރެއް ނުވެގެން އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަން ފުލުހުން އިއުލާނު ކުރީ އިއްޔެއެވެ.

ގެއްލިގެން ހޯދަމުން ދަނީ ގދ. ތިނަދޫ/މުނާރު މުހައްމަދު ނިޒާމް 45އ އާއި ބަންގްލަދޭޝް ރައްޔިތެއް ކަަމަށްވާ މޮހައްމަދު ލިޓަން 35އ.އެވެ.

ފުލުހުން ބުނި ގޮތުގައި، މި ދެ މީހުންގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ބުރާސްފަތި ދުވަހުއެވެ.

ފުލުހުން މީޑިއާ އޮފިޝަލު "ވަގުތަށް" ވިދާޅުވީ އެ ދެމީހުން އަދިވެސް ނުފެންނަ ކަމަށެވެ. އަދި އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ނަންބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުގެ 9911099 އަށް ގުޅައި ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.