ހުޅުމާލެ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުން އައި 12 އަހަރުގެ ދިވެހި އަންހެން ކުއްޖާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުންދަނިކޮށް ފެނުނީ އައިޝާ ބިން މަހްމޫދު ރިޔާޒް ނަމަކަށް ކިޔާ ކުއްޖެކެވެ. އައިޝާ ފެނުނީ މިއަދު 13:44 ކަންހާއިރު މާލެ އިން ކަން ކަށަވަރު ކޮށްދިނުން ފިޔަވައި ފުލުހުން މިމައްސަލަ އާއި ގުޅިގެން އިތުރު މައުލޫމާތެއް ނުދެއްވައެވެ.

އަންހެން ކުއްޖާ ގެއްލުނު ހާދިސާ އާއި ގުޅިގެން އެއްވެސް މީހަކު ނުވަތަ ބައެއްގެ މައްޗަށް ފުލުހުން ތުހުމަތެއް ކުރާކަން ނުވަތަ ނޫންކަމެއް ވެސް ފުލުހުން ސާފުކޮށެއް ނުދެއެވެ.

އެ ކުއްޖާގެ އާއިލާއިން މައުލޫމާތު ދިން ގޮތުގައި އައިޝާ ހޯދަން ފެށީ އިއްޔެ އިރުއޮއްސި 6 ޖަހާކަށް ހާއިރު އާއިލާ ދިރިއުޅޭ ހިޔާ ފްލެޓުން ނުކުމެގެން ބޭރަށް ދިޔަ ގޮތަށް ޚަބަރެއް ނުވެގެންނެވެ.

އައިޝާ ހޯދަން އާއިލާއިން ކުރި މަސައްކަތުން އައިޝާ ނުފެނުމުން ރޭ ދަންވަރު 12 ޖަހާކަށް ހާއިރު އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރިއެވެ.

ފަހަކަށް އައިސް ބޮޑެތި މީހުންނާއި ކުޑަކުދިން ވެސް ގެއްލިގެން ރިޕޯޓް ކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.