މާލޭގެ 18 ސަރަހައްދަކަށް އާންމުކޮށް ކުނި އަޅާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން އާންމު ކުރި މައުލޫމާތަށް ބަލާއިރު، ގަލޮޅުގެ ފަސް ސަރަހައްދަކާއި ހެންވޭރުގެ ހަތަރު ސަރަހައްދަކާއި މާފަންނުގެ ހަތަރު ސަރަހައްދަކާއި މައްޗަންގޯޅީގެ ހަތަރު ސަރަހައްދަކުން އާންމުކޮށް ކުނި އަޅައެވެ. އެ ހުރިހާ ތަފްސީލްތަކެއް ސިޓީ ކައުންސިލުން މިއަދު ވަނީ އާންމުކޮށްފައެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ހުރިހާ އެންމެން ވެސް ފަރުދީ ޒިންމާ އަދާކޮށް، މިއިން އެއްވެސް ސަރަހައްދެއްގައި މީގެ ފަހުން ކުނި ނުބެހެއްޓުމަށް އެދިވަޑައިގެންފައެވެ.

 

"ކުނި ބަހައްޓާ ފަރާތެއް ފެނިއްޖެނަމަ އެ ފަރާތަކަށް ނަސޭހަތް ދެއްވާ ހުއްޓުވާ، ނުހުއްޓުވިއްޖެ ނަމަ ފޮޓޯއާއެކު އަޅުގަނޑަށް ނުވަނަ ގްރޫޕްގައި ނުވަތަ އެ އެ ސަރަހައްދެއްގައި ހަރަކާތްތެރިވާ ކައުންސިލްގެ މުވައްޒަފަކަށް ނުވަތަ ފުލުހަށް އަންގަވާ." މުއިއްޒު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ މާލެ ޒީނަތްތެރިކޮށް ބޭއްވުމަކީ އެންމެންގެ ކަމެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރުން މުހިންމު ކަމަށެވެ.

މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނުން ކުނި ނެގުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ވަނީ މިދިޔަ މަހުން ފެށިގެން ކުރަމުންނެވެ.

ކައުންސިލުން ހަމައެކަނި ކުނި ނަގާނީ މާލޭގެ މަގުތަކާއި ޕާކްތަކާއި ފަޅުތެރެ އާއި އެހެނިހެން އާންމު ސަރަހައްދުތަކުން އެކަނި ކަމަށާއި އެހެން ތަންތަނުން ކުނި ނުނަގާނެ ކަމަށް މީގެ ކުރިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަބަބުވެރި ނަޒަރަކުން ކޮޅުބެދިފަ ހުންނަ ގޯޅިތައް

    މޭޔަރު މުޢިއްޒުގެ ޝަކުވާ ރަނގަޅެވެ އެކަމަކު ކޮޅުބެދިފައި ހުންނަ ބައެއް ގޯޅިއަކީ އަސްލު ގޯޅިއެއް ނޫނެވެ. ބައެއް "ގޯތި" ބައިކުރުމުގެ ސަބަބުން އެގޭގެ ދެފަޅީގައި ދިރިއުޅޭ މީހުން ވަދެނިކުތުމަށް ކަނޑާފައިވާ ހޯލްވޭ އެވެ. މިފަދަ ތަންތަނަކީ އެއްވެސް ހަމައަކުން ގޯޅިއަކަށް ނުބެލެވޭނެ އެވެ. އޭގެ ހެއްކަކީ ސަރުކާރުން ކަނޑައަޅާފައިވާ ކޮންމެ ގޯޅިއަކަށް ވެސް ނަމެއްދެވި އެ ގޯޅިއެއްގައި، ގޯޅީގެ ނަން ފެންނަފަދަ ބޯރޑެއް ސަރުކާރުން ހަރުކޮށްފައި ހުރުމެވެ. އެކަމަކު ގޯތިބައި ކުރުމުން ކަނޑާފައި ހުންނަ ހަނި މަގުގައި ނަމެއް ދެވިފައެއް ނުހުންނާނެ އެވެ. ދެންއޮތް ކަމަކީ ވެމްކޯގެ ކުނި ކަލެކްޓްކުރާ ސްޓާފުންނަށް ވެސް އޭގެ ޒާތުގައި ކޮންމެ ގެއަކަށް އާދެވޭނެ ސީދާ ވަގުތެއް ބުނެނުދެވޭނެ ކަމެވެ. އަދި ވަގުތެއް ދިން ކަމުގައި ވިޔަސް، އެމީހުންގެ އިންތިޒާރުގައި ބޭރަށް ނުނިކުމެ ގޭގައި މަޑުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ސަބަބަކީ ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުންނަން ޖެހޭނެތީއެވެ. އެހެނެކޭ ކިޔާފައި ވަގުންނާއި ހެދި، ގޭގެ ދޮރު ހުޅުވާފައި ބެހެއްޓޭކަށް ވެސް ނެތެވެ. އެހެންކަމުން އެފަދަ ގޯޅިތަކަށް އެގޭގޭގެ ގޭބިސީ ތަކުން ކުނިކޮތަޅު ނެރެފައި ބަހައްޓަން މަޖުބޫރު ވަނީއެވެ.

    • Anonymous

      ކޮޅު ބެދިފައިވާ ގޯޅިއަކީ މަގުކަމަށް މާލޭ ސިޓީ ކައުންސިލުން ވެސް ނުބައްލަވާ ކަމަށް ކުރިން އެނގިފައިވަނީ.

  2. ފާތުމަ

    ވެމްކޯ އިން ކުނިބަލާ އަންނަލެއްލަސް ކަމުން މަގުމައްޗައް ނެރެން މަޖުބޫރުވަނީ. 12 ޖަހާއިރުވެސް ބައެއްފަހަރު

  3. Anonymous

    ލިސްޓުގައި ގ. ދާސްތާން ނެތީ ކީއްވެބާ؟ އެ ގޭގައި އުޅުއްވާ ބަންގާޅު ބޭފުޅުން އަބަދުވެސް ކުނިއަޅުއްވަނީ މަގުމައްޗަށް. ބޮޑެތި ކޮތަޅުތަކުގައި އެ ބޭފުޅުން ކުނި ނެރުއްވަނީ. އެބޭފުޅުންނަކީ މަގުމަތިން ދާ މީހުންގެ ބޮލަށް ކުޅުޖައްސަވާ ބަޔެއްކަން ވެސް ފާހަގަވޭ. މަގުމައްޗަށް ކުޅުޖައްސަވާ ބޭރު ބޭފުޅުން އުޅުއްވާ އުސް ޢިމާރާތްކޮޅެއް ބިހުރޯޒު ކަމަނާ މިސްކިތުގެ އަނެއް ކަންމަތީގައި ވެސް ހުރޭ.