ރެއިން ފެށިގެން މިއަދު މެންދުރާ ހަމަޔަށް މާލެ ސިޓީ ކައުންސިލުން 30 ޓަނަށްވުރެ ގިނަ ކުނި މާލޭގެ މަގުތަކުން ނަގާފައިވާ ކަމަށް އެކައުންސިލުން ބުނެފިއެވެ.

މާލެސިޓީ ކައުންސިލުން ހާމަކުރިގޮތުގައި ރޭ 11:00 އިން ފެށިގެން މިއަދު މެންދުރުފަހު 1:30 އާ ހަމައަށް މާލޭގެ މަގުތަކުން ވަނީ 30.1 ޓަނުގެ ކުނި ނަގާފައެވެ.

މާލޭގެ މަގުމަތިން ކުނިނެގުމުގެ މަސައްކަތް މީގެ ކުރިން ކުރަމުން ގެންދިޔައީ ވެމްކޯއިންނެވެ. އެހެންނަމަވެސް މިހާރު މިމަސައްކަތް ކުރަމުން ގެންދަނީ މާލެ ސިޓީ ކައުންސިލުންނެވެ. ކުނި ނެގުމާއި ހަވާލުވުމާއެކު އެކައުންސިލުން ވަނީ ކުނި އަޅާނެ ތަންތަނުގެ ލިސްޓެއް ނެރެފައެވެ. އެގޮތުން މާލޭގެ 18 ސަރަހައްދަކަށް (ގަލޮޅުގެ ފަސް ސަރަހައްދަކާއި ހެންވޭރުގެ ހަތަރު ސަރަހައްދަކާއި މާފަންނުގެ ހަތަރު ސަރަހައްދަކާއި މައްޗަންގޯޅީގެ ހަތަރު ސަރަހައްދު) ކުނިއެޅުމަށް މާލެ ސިޓީ ކައުންސިލުންވަނީ އަންގާފައެވެ.

މީގެއިތުރުން މާލޭގެ މަގުތަކަށް އާންމުކޮށް ކުނި އަޅާ ތަންތަން ފާހަގަކޮށް، މަގުތައް ސާފުތާހިރުކޮށް ބޭއްވުމަށް ފަރުދީ ޒިންމާ އަދާކުރުމަށް މާލެ ސިޓީގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު ވަނީ އިލްތިމާސް ކުރައްވާފައެވެ.

މާލެ ސާފްކޮށް ބޭއްވުމުގެ ޒިންމާ މާލެ ސިޓީ ކައުންސިލުން ވަނީ ނަަގާފައެވެ. އަދި އެ ކައުންސިލުން ނިންމާފައި ވަނީ މާލެ އަށް އެކަނި ވެސް 120 މުވައްޒަފުން، ވިލިމާލެއަށް 148 މުވައްޒަފުން އެކަމަށް ހާއްސަ ކުރުމަށެވެ. އެހެންނަމަވެސް ކުރިޔަށް އޮތް ތަނުގައި މުވައްޒަފުން ގިނަވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ކުނި ނެގުމުގައި 10 ލޮރީ ބޭނުންކުރާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނުން ކުނި ނެގުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށާފައި ވަނީ މިދިޔަ މަހުން ފެށިގެންނެވެ.

ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން މާލޭގެ މަގުތައް ސާފުކުރުމުގެ ޒިންމާ މީގެ ކުރިން އަދާ ކުރަމުން ގެންދިޔައީ އެކަމަށް ހާއްސަކޮށް 2016 ވަނަ އަހަރު އުފެއްދި ވެމްކޯ އިންނެވެ. އެހެންނަމަވެސް އެ އެއްބަސްވުން މިދިޔަ މަހު 26 ވަނަ ދުވަހު ހަމަވުމުން އެ އެއްބަސްވުން އާ ނުކުރުމަށް ސިޓީ ކައުންސިލުން ނިންމީ ކުންފުނިން އެ މަސައްކަތް ކުރާ އަގު ބޮޑު ކަމުންނާއި މަސައްކަތުގެ ޒިންމާ ރަނގަޅަށް އަދާ ނުކުރާތީ ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހްމަދު

    މާލޭގައި ކުނިއަޅާނެ ސަރަހައްދުތަކެއް ސިޓިކައުންސިލުން ކަނޑައެޅީމާ ދެން ވެމްކޯގައި ރަޖިސްޓަރީ ނުކޮށް އެތަންތަނަށް ކުނިއަޅަންވީދޯ؟ ތިޔައީ މޮޅުގޮތެއް. އަހަރެމެން ފައިސާ ދައްކާގެން ކުނިއުކަންވީ. ފައިސާ ނުދައްކާ މީހުން ހިލޭ ސާބަހަށް މާލޭ މަގުމައްޗަށް ކުނިއަޅަންވީ. މުއިއްޒަށް ވަރަށްސަލާމް.