ޕޮލިސް ބޯޑުގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު އެމްޑީޕީން ވަކިވެވަޑައިގަތީ އަމިއްލައަށް ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން އެގޮތަށް ހާމަކުރީ ހާމިދު އެމްޑީޕީގެ ދަފްތަރުން އުނި ކުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރައްވާފައިވާތީއެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް މި މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓު ލެވެން ޖެހޭ 39،000 މެމްބަރުން އޮތީ އެމްޑީޕީގެ ދަފުތަރުން އުނިކޮށްފައެވެ. އެހެންވެ މި ފަހަރުގެ ޕްރައިމަރީގައި ވޯޓު ލެވޭނީ 57،714 މެމްބަރުންނަށެވެ.

އެމްޑީޕީގެ ދަފްތަރުން ވަކި ކޮށްފައިވާ 39،000 މެމްބަރުންގެ ތެރޭގައި ހާމިދުއާއެކު ރައީސް ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ އާއި ބޭބޭފުޅު ކެނެރީގެ، ޑރ. އަހުމަދު ނާޝިދު ހިމެނިވަޑައިގަންނަވައެވެ.

އެމްޑީޕީގެ ޕްރައިމަރީއާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އެ ބޭފުޅުން ޕާޓީގެ ޕްރައިމަރީން ވަކި ކުރި ސަބަބާ ގުޅޭ ގޮތުން ނޫސްވެރިއަކު ވަނީ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވި އެމްޑީޕީގެ ޕްރައިމަރީގެ ޝަކުވާ ބަލާ ކޮމިޓީގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު އިދާރީ އިބްރާހިމް ވަހީދު ވިދާޅުވީ ހާމިދު އެމްޑީޕީން ވަކިވެ ވަޑައިގެންނެވީ އަމިއްލައަށް ކަމަށެވެ.

އަދި އޭނާ ޕާޓީން ވަކި ކުރުން އަވަސް ކޮށްދޭން ވެސް އެދިވަޑައިގަތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ ނޯންނާނެ ނޫންތޯ [ދަފްތަރުން އުނިކޮށްފައި]. އަމިއްލަށް އެދިގެން ހާމިދުވެސް ކަނޑައިދިނީ. ދެން އެއް ބޭފުޅެއްގެ [ރައީސް ނަޝީދުގެ] ތިމާގެ ބޭފުޅުންނޭ ބުނާ އިރު އަޅުގަނޑު ބަލާލިން 39،000 މީހުންގެ ތެރެއިން އަޅުގަނޑުމެން ބެލި މައުލޫމާތުގައި ކެންޑިޑޭޓް ނަންބަރު ދޭއް އިބްރާހިމް މުހައްމަދު ސޯލިހުގެ އެއްބަނޑު އެއްބަފާ ބޭބޭފުޅުން ވެސް ކެނޑިފައި އޮތީމަ އެ ބޭފުޅުން އަލުން ފަހުން ފޯމު ފުރައިގެން ޕާޓީއަށް ވަދެފަ އޮތީ" ވަހީދު ވިދާޅުވިއެވެ.

އެހެންކަމުން ވަކި ނަޝީދުގެ ގާތް ބޭފުޅުންނަށް ވީތީ ޕާޓީގެ ދަފުތަރުން ނަން އުނިކޮށްފައި ނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި މެމްބަރުންގެ ނަންތައް އުނިކޮށްފައި އޮތީ ވަކި ކެންޑިޑޭޓަކަށް ތާއިދުކުރާތީ ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝީދު ފެކްޝަންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޕާޓީގެ ދަފްތަރުން 39،000 އަށް ވުރެ ގިނަ މެންބަރުން ވަކި ކުރުމެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ވިދާޅުވީ ދަފްތަރުގައި 23،000 އަށް ވުރެ ގިނަ މެންބަރުންނަކީ އެހެން ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ކަމަށާއި 11،000 މެންބަރުންނަކީ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    އެއީ ހޮނޑާފުށި ޕާޓީ ބޭފުޅެއް

    11
  2. ހައްދުންމަތި

    ދެން ތިބުނާ 39 ހާސް ބޭނުންކޮށް ގެން ވަކި ޕާރޓީއެއްހަދަން ވީނު..!

    އޭރުން ޔަގީނުންވެސް 100% ވޯޓުލިބުނީތާ!

  3. އަލި ދީދީ

    ދެން ތިބުނާ 39 ހާސް ބޭނުންކޮށް ގެން ވަކި ޕާރޓީއެއްހަދަން ވީނު..!

  4. ބުރޮ ފެކުޗަން ވަހީދު

    ވަހީދުގެ ރާގުވެސް ތިހިރީ ވަކި ކޮޅަކައްގޮސް ހުސްވެފަ

    5
    1
  5. ފުުންއަސަރްު7ޔ

    މިހާރު އެއްބަސް ތިވެވުނީ، އޮޅުމަކުންވިޔަސް ގަސްދުގާ ވިޔަސް މޑޕ މެންބަރުންތަކެއް ވަކިކުރެއްވިކަން..ކީއްވެ..ކުރިކަމެއްކަން އަދި ބުނެވޭނެ ދޫއޮޅިގެން..