އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލް ކުރުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް އަންނަ އާދިއްތަ ދުވަހަށް ފަސްކޮށްފިއެވެ.

މީގެ ކުރިން މި ޝަރީއަތުގެ އަޑުއެހުން އޮތީ މިއަދު ފަށާ ގޮތަށެވެ. ނަމަވެސް ސިވިލް ކޯޓުން ވަނީ މި މައްސަލައިގައި އަޑުއެހުން މި ފެށޭ މާޗް މަހުގެ ފަސް ވަނަ ދުވަހުގެ ހެނދުނު 10:15 އަށް ފަސްކޮށްފައެވެ.

އެމްޑީޕީގެ ޕްރައިމަރީއާ ގުޅުގެން ތިން ފަރާތަކުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. މި މައްސަލަ ކޯޓަށް ހުށަހެޅި މީހުންގެ ތެރޭގައި ހިމެނޭ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރު ޕޮލިސް ބޯޑުގައި އިންނަވާ ހާމިދު އަބްދުލްޣަފޫރް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ޕާޓީގެ މެންބަރަކު ވަކިކުރުމަކީ މެންބަރާ މެދު އަޅާ ފިޔަވަޅެއްކަން އަސާސީ ޤަވާއިދުން އެނގެން އޮންނައިރު، ވަކިކުރި 39،000 މެންބަރުން ވަކިކުރީ ފިޔަވަޅު އެޅުމުގައި ޢަމަލު ކުރަންޖެހޭ އިޖުރާޢަތުތަކާ ޚިލާފަށް ކަމަށެވެ. އެހެން ކަމުން އެ ވަކި ކުރި މެމްބަރުންނަށް ވޯޓު ދިނުމުގެ ހައްޤު ގެއްލޭގޮތަށް ބޭއްވި އިންތިޚާބު ސައްޙަ ނޫން ކަމަށް ކަނޑައަޅައިދީ، އެ މެންބަރުން ހިމަނައިގެން އަލުން އިންތިޚާބު ބޭއްވުމަށް އެމްޑީޕީގެ މައްޗަށް އަމުރު ކޮށްދިނުމަށް އެ މައްސަލައިގައި ވަނީ އެދިފައެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ އިންތިހާބު 61 އިންސައްތައިން ކާމިޔާބު ކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދ ސޯލިހެވެ. އެމަނިކުފާނާއި ވާދަ ކުރެއްވި، ކުރީގެ ރައީސް، އެމްޑީޕީ ރައީސް މުހައްމަދު ނަޝީދަށް މި އިންތިހާބުގައި ލިބިފައިވަނީ 39 އިންސައްތައެވެ.

އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް ސޯލިހަށް ޓިކެޓް ވަނީ، ރަސްމީކޮށް އަރުވާފައެވެ.

އިންތިހާބުން ބަލިވުމާއި އެކީ ރައީސް ނަޝީދު ވަނީ އެ އިންތިހާބަކީ ސައްހަ އިންތިހާބެއް ނޫން ކަމަށް ބުނެފައެވެ. އަދި ރައީސް ސޯލިހަށް ތާއިދު ނުކުރައްވާނެ މޭރުމުން ވެސް ނަޝީދު ވަނީ ވާހަކަ ދައްކަވާފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަލީ

    ދެން ނަޝީދު އެމްޑީޕީއިން ހަމަ ވަކި ކޮއްލަން ނުވަނީތޯ.؟ ނަޝީދު އެމްޑީޕީގެ ވިސްނުމާއި ޚިލާފުވެހުރެ އިންތިޚާބަށް ޕާޓީއަށް ސަޕޯޓު ނުދޭނަމަ ކީއްކުރަންތޯ އޭނާ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުރެވެންވީ. އަވަހަށް މީނާ ބޭރުކުރޭ. ޕާޓީގެ ނިންމުންތަކާއި ޚިލާފަށް އަދި ދިމާ އިދިކޮޅަށް މަސައްކަތްކުރަން ނަޝީދު އެމްޑީޕީއަކު ހުރެވިގެނެއް ނުވާނެ.