ރައްޔިތުންގެ މަޖިލީހުގައި ހުސްވެފައިވާ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޑީޕީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މަޖިލީހުގައި ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިއަދުން ފެށިގެން މި ފެށޭ މާޗް މަހުގެ ދެވަނަ ދުވަހުގެ ހަވީރު 4:00 އަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ އެމްޑީޕީ މެންބަރުން އެބޭފުޅަކު ޕްރައިމަރީގައި ވާދަކުރުމަށް ތާއީދުކުރާކަން ހާމަކޮށްދޭ 100 މެންބަރުންގެ ތާއީދު ފޯމާއިއެކު ހުށަހެޅުމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.

ގުރައިދޫ ދާއިރާގެ ޕީޕީއެމް މެންބަރު އިބްރާހިމް ރިޒާ އަވަހާރަވެފައިވަނީ މި މަހުގެ 23 ވަނަ ދުވަހު ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މެލޭޝިޔާގައެވެ.

ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ރިޒާ މީގެ ކުރިން ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު ކަން ވެސް ކުރައްވައިފައެވެ. ފަނޑިޔާރުންނާ ބެހޭ ޝަކުވާތައް ބަލައި ފަނޑިޔާރުންނާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އުފައްދާފައިވާ ޖޭއެސްސީގެ ނައިބު ރައީސް ކަން ވެސް ރިޒާ ކުރެއްވިއެވެ.

ޕީޕީއެމްއާ ގުޅުން ހުރި ވަރަށް ގިނަ މައްސަލަތަކެއްގައި އެ ޕާޓީގެ ދިފާއުގައި އޭނާ ވަނީ ކޯޓުތަކުގައި ވަކާލާތު ކުރައްވާފައެވެ. ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވޭ އެއް މައްސަލައަކީ 2013 ގެ ރިޔާސީ އިންތިހާބު ބާތިލް ކުރަން އޭރު ސުޕްރީމް ކޯޓަށް ވެއްދި މައްސަލައެވެ. އެ މައްސަލައިގައި ޕީޕީއެމްގެ ފަރާތުން ވަކާލާތު ކުރެއްވި އެއް ބޭފުޅަކީ ރިޒާއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރު ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) "ވަގަށް ނަގައިގެން ގޮސް" ސިފައިންގެ މަރުކަޒެއް ކަމަށްވާ ގިރިފުށީގައި ބަންދުކުރިއިރު އަބްދުﷲ ގާޒީގެ ގާނޫނީ ވަކީލަކީ ވެސް ރިޒާ އެވެ. ނަމަވެސް ރިޒާ އާއި ވެސް އަބްދުﷲ ގާޒީ އާއި ވާހަކަދެއްކެވުމުގެ ފުރުސަތެއް އޭރުގެ ސަރުކާރުން ނުދިނެވެ.