ރާއްޖޭގައި ޑްރޯން އޮޕަރޭޓް ކުރުމުގައި ހުއްދައަށް އެދި ތިން ދުވަސް ކުރިން ހުށަހަޅަން ޖެހޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި އެމްއެންޑީއެފް އިން ސަލާމަތީ ކަންކަން ބަލަހައްޓާ ސަރަޙައްދު ތަކާއި، ރާއްޖޭގެ ވައިގެ ބަނދަރުތަކުގައި އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ނުވަތަ ޑްރޯން އޮޕަރޭޓް ކުރުން މަނާކޮށްފައިވާ ސަރަހައްދުތަކުގައި ޑްރޯން އޮޕަރޭޓް ކުރަން ބޭނުން ނަމަ އެ މިނިސްޓްރީގެ ހާއްސަ ހުއްދައެއް ހޯދަން ޖެހެއެވެ.

އަދި 2016 ވަނަ އަހަރުގެ ޖޫންގައި އެގޮތަށް އާއްމުކޮށް އަންގާ އިއުލާނު ކޮށްފައި ވެއެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ޑްރޯން އުދުއްސުމުގެ ހުއްދަ ދިނުމުގައި ސަލާމަތީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ވަގުތު ބޭނުންވާ ކަމަށެވެ.

އެހެންކަމުން ޑްރޯން އެރުވުމުގެ ހުއްދައަށް އެދި ފޯމު ހުށަހަޅާއިރު، ޑްރޯން އޮޕަރޭޓްކުރަން ބޭނުންވާ ތާރީހުގެ މަދުވެގެން ރަސްމީ ތިން ދުވަސް ކުރިން ފޯމު ހުށަހަޅަން ބޭނުންވާ ކަމަށް ބުނެފައި ވެއެވެ. އު މުއްދަތަށްވުރެ ކުރު މުއްދަތާއެކު ހުށަހަޅާ ފޯމްތައް ބާތިލް ވާނެ ކަމަށް ބުނެފައި ވެއެވެ.

އަދި ޑްރޯން އުދުއްސުމުގެ ހުއްދަ އަށް އެދި އެ މިިސްޓްރީއަށް ހުށަހަޅާ ފޯމު އިސްލާހްކޮށް މިނިސްޓްރީގެ ވެބްސައިޓްގައިވާނެ ކަމަށް ބުނެފައި ވެއެވެ.

ރާއްޖޭގައި ޑްރޯން އޮޕަރޭޓް ކުރުމަށް ލައިސަންސް ދޫކުރުމަށް ނިންމާފައިވާ ކަަމަށް ސިވިލް އޭވިއޭޝަނުން ވަނީ ބުނެފައެވެ. އަދި 2022 ނިމުމުގެ ކުރިން ޑްރޯން އޮޕަރޭޓް ކުރުމުގެ ހުއްދަ ދިނުމަށް އިންތިޒާމް ނިންމާލެވޭނެ ކަަމަށް ކުރިން ބުނެފައި ވެއެވެ.

ޑިފެންސް މިނިސްޓްރީން ބުނެފައިވާގޮތުގައި، ޑްރޯން އޮޕަރޭޓް ކުރުމުގެ ހުއްދަ ދެވޭނީ 120 މީޓަރުގެ އުސް މިނަކަށް އުދުއްސުމަށެވެ.