މާލެ ސިޓީ ކައުންސިލްގެ ކޯލް ސެންޓަރަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ގުޅޭނެ ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 83 ވަނަ ރަސްމީ އާންމު ޖަލްސާގައި މުއިއްޒު ވިދާޅުވީ ސްޓްރެޓިޖިކް ޕްލޭންގައި ކަނޑައަޅާފައި އޮތް އެއް ކަމަކީ މާލެ ސިޓީ ކައުންސިލުން ދޭ އެކި ހިދުމަތްތަކާއި މާލޭގެ މަގުމަތިން ދިމާވާ އެކި ކަންކަމާއި ކައުންސިލާ ގުޅޭ ކަންކަން ރިޕޯޓު ކުރެވޭނެ ގޮތެއް އޮތުން ކަމަށެވެ.

އެ ނިޒާމު މިހާރު ގާއިމު ކުރެވިފައި އޮތް ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.

މާލެ ސިޓީ ކައުންސިލުން މީގެކުރިން ތައާރަފްކޮށްފައިވާ ކޯލް ސެންޓަރުގެ ނަންބަރަކީ 1622 އެވެ.

މޭޔަރު ވިދާޅުވީ އާދީއްތަ ދުވަހު ހެނދުނު 8:00 ފެށިގެން ބުރާސްފަތި ދުވަހުގެ ރޭގަނޑު 00:00 ހަމައަށް މާލެ ސިޓީ ކައުންސިލުގެ ކޯލް ސެންޓަރު ހުޅުވާފައި ހުންނާނެ ކަމަށެވެ. އަދި ހޮނިހިރު ދުވަހު ހެނދުނު 9:00 ފެށިގެން 04:00 ހަމައަށް މާލެ ސިޓީ ކައުންސިލުގެ ކޯލް ސެންޓަރު ހުޅުވިފައި ހުންނާނެ ކަމަށް ވިދާޅުވިއެވެ.

"ދެން ކޮންމެ ކަމެއްގައިވެސް، މިސާލަކަށް ހުށާހަޅަފައިވާ ސިޓީއެއްގެ އަޕްޑޭޓް ހޯދާލުމަށް، މާވެހި ޕޯޓަލް ތެރެއިން ހުށަހެޅި ޚިދުމަތެއް ލަސްވިޔަސް، މަގުމަތިން ފެނުނު ކޮންމެވެސް ކަހަލަ މައްސަލައަކާއި، ކާނުގަނޑެއްގެ މަތިގަނޑެއް ހަލާކުވީ ނޫނީ އެހެން ކަމެއް ވިޔަސް، ގަސް އޮފިގަނޑެއް ބިންދައިގެން ގޮސް ވެއްޓިފައި އޮތީ، ކޮންމެ ކަމެއްވެސް ހުށަހެޅޭނެޔޭ، މިހާރު ފޯން ނަގާނެ، މިދެންނެވި ހުރިހާ ގަޑިއެއްގައި." މީގެކުރިން ހައުސިން މިނިސްޓަރު ކަން ވެސް ކުރެއްވި މުއިއްޒު ވިދާޅުވިއެވެ.

"ފޯން ނަގާފައި އެވަގުތުން އެވަގުތަށް ޖަވާބު ދެވޭ ކަމެއް ވިއްޔާ އެ މުވައްޒަފުން ވަގުތުން ޖަވާބު ދެއްވާނެ. އެވަގުތުން ޖަވާބު ނުދެވޭ ކަމެއްވެއްޖެ ނަމަ، އެކަމާ ރިލޭޓެޑް ސެކްޝަންގެ ސްޓާފަކު އެސައިން ކުރެވިފައި އެބަހުރޭ. އޭނައަށް އިންފޮމޭޝަން ޕާސްކޮށް ޓިކެޓްއެއް ރެއިޒްކުރެވޭނެ. ޓިކެޓް ރެއިޒްކޮށް އިންޓަނަލީ އެ މައްސަލަ ހައްލުވެ ނިމެންދެން އޭގެ އަޕްޑޭޓް ބެލި އެފަރާތަކަށް އޭގެ ޖަވާބު ޖަވާބު ދެވޭނެ، އެހެންވީމަ ޖަވާބު ދެވިގެން ޓިކެޓް ކްލޯޒް ކުރުމާއި ހަމައަށް ޓްރެކް ކުރާނެ މިހާރު"