ރެއިން ފެށިގެން މިއަދު ހެނދުނާ ހަމަޔަށް މާލެ ސިޓީ ކައުންސިލުން 48 ޓަނަށް ވުރެ ގިނަ ކުނި މާލޭގެ މަގުތަކުން ނަގާފައިވާ ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި ރޭ 00:00 އިން ފެށިގެން މިއަދު ހެނދުނު 6:00 އާ ހަމައަށް މާލޭގެ މަގުތަކުން ވަނީ 48.15 ޓަނުގެ ކުނި ނަގާފައެވެ.

މާލޭގެ މަގުމަތިން ކުނިނެގުމުގެ މަސައްކަތް މީގެ ކުރިން ކުރަމުން ގެންދިޔައީ ވެމްކޯއިންނެވެ. އެހެންނަމަވެސް މިހާރު މިމަސައްކަތް ކުރަމުން ގެންދަނީ މާލެ ސިޓީ ކައުންސިލުންނެވެ. ކުނި ނެގުމާއި ހަވާލުވުމާއެކު އެކައުންސިލުން ވަނީ ކުނި އަޅާނެ ތަންތަނުގެ ލިސްޓެއް ނެރެފައެވެ. އެގޮތުން މާލޭގެ 18 ސަރަހައްދަކަށް (ގަލޮޅުގެ ފަސް ސަރަހައްދަކާއި ހެންވޭރުގެ ހަތަރު ސަރަހައްދަކާއި މާފަންނުގެ ހަތަރު ސަރަހައްދަކާއި މައްޗަންގޯޅީގެ ހަތަރު ސަރަހައްދު) ކުނިއެޅުމަށް މާލެ ސިޓީ ކައުންސިލުންވަނީ އަންގާފައެވެ.

މީގެއިތުރުން މާލޭގެ މަގުތަކަށް އާންމުކޮށް ކުނި އަޅާ ތަންތަން ފާހަގަކޮށް، މަގުތައް ސާފުތާހިރުކޮށް ބޭއްވުމަށް ފަރުދީ ޒިންމާ އަދާކުރުމަށް މާލެ ސިޓީގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު ވަނީ އިލްތިމާސް ކުރައްވާފައެވެ.

މާލެ ސާފްކޮށް ބޭއްވުމުގެ ޒިންމާ މާލެ ސިޓީ ކައުންސިލުން ވަނީ ނަަގާފައެވެ. އަދި އެ ކައުންސިލުން ނިންމާފައި ވަނީ މާލެ އަށް އެކަނި ވެސް 120 މުވައްޒަފުން، ވިލިމާލެއަށް 148 މުވައްޒަފުން އެކަމަށް ހާއްސަ ކުރުމަށެވެ. އެހެންނަމަވެސް ކުރިޔަށް އޮތް ތަނުގައި މުވައްޒަފުން ގިނަވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ކުނި ނެގުމުގައި 10 ލޮރީ ބޭނުންކުރާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނުން ކުނި ނެގުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށާފައި ވަނީ މިދިޔަ މަހުން ފެށިގެންނެވެ.

ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން މާލޭގެ މަގުތައް ސާފުކުރުމުގެ ޒިންމާ މީގެ ކުރިން އަދާ ކުރަމުން ގެންދިޔައީ އެކަމަށް ހާއްސަކޮށް 2016 ވަނަ އަހަރު އުފެއްދި ވެމްކޯ އިންނެވެ. އެހެންނަމަވެސް އެ އެއްބަސްވުން މިދިޔަ މަހު 26 ވަނަ ދުވަހު ހަމަވުމުން އެ އެއްބަސްވުން އާ ނުކުރުމަށް ސިޓީ ކައުންސިލުން ނިންމީ ކުންފުނިން އެ މަސައްކަތް ކުރާ އަގު ބޮޑު ކަމުންނާއި މަސައްކަތުގެ ޒިންމާ ރަނގަޅަށް އަދާ ނުކުރާތީ ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގަލަން

    ގެތަކުގެ ވެރިން ވެސް އެބަޖެހޭ ގެތަކުގަ ދިރިއުޅޭ މީހުންނައް އަންގަން މަގު މައްޗައް ކުނި ނުނެރޭން. ހުރިހާ އެންނެން އެއްބާރު ލައިގެން ހައްލުވާނީ. ކުނި މަގުތަކައް ނެރެން ފެށީ ކޮވިޑް ލޮކްޑައުންގެ ވެމްކޯއިން މަގުމައްޗައް ކުނި ނެރޭށޭ ބުނިފަހުން. ވެމްކޯ ބޮލުގަ އިލްޒާމް އަޅުވަނީކީ ނޫން. ގިނަ މީހުން ހޭލުން ތެރި ނޫނީ ހެން ހީވަނީ. ނޫނީ ގޮތް ކުޑައީ…

    1
    1
  2. Anonymous

    ގ. ދާސްތާންގައި އުޅުއްވާ ބަންގާޅު ބޭފުޅުން މިރޭ ވެސް 7 ޓަނުގެ ކުނި މަގުމައްޗަށް ނެރުއްވާފައި އެބަހުރި. ބަންގާޅު ބޭފުޅުންނާމެދު ފިޔަވަޅު ނޭޅެނީ ކީއްވެބާ؟