މާލެ ސިޓީ ކައުންސިލުގެ "ޗާލު މިސްކިތް" ހަރަކާތުގައި ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރަން ފަނޑް ހޯދުމަށް ޓެލެތޯންއެއް ބޭއްވުމަށް ނިންމީ ކައުންސިލުން ބުނި ގޮތުގައި މިސްކިތްތަކަކީ ސިޓީ ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށްވުމާއެކު، މިސްކިތްތައް ކައުންސިލްއާއި ސަރުކާރުން ހަވާލުކުރީ އެއްވެސް ބަޖެޓަކާ ނުލާ ކަމަށް ވުމުންނެވެ.

އެހެން ކަމުން އެތަންތަނުގެ މެއިންޓެއިނެންސް މަސައްކަތްތަކާއި، މަރާމާތުތަކަށް ބޮޑެތި ހޭދައެއް ކުރަންޖެހޭއިރު، ކައުންސިލުގެ ބަޖެޓުން މިކަން އެންމެ އެދެވޭ ގޮތަށް ނުކުރެވެއެވެ. އަދި ޓެލެތޯންގެ ސަބަބުން ކުރިއަށް އޮތް ރަމަޟާން މަހަށް، މިސްކިތްތަކުގައި ކުރަންޖެހޭ މަރާމާތުތައް ކުރުމަށް މަގުފަހިވެގެންދާނެއެވެ. ޓެލެތޯން ބާއްވަން ނިންމީ އާންމުން އަދި ވިޔަފާރިވެރިންގެ އެހީއާ އެކު މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައެވެ.

މާލެ ސިޓީ ކައުންސިލުން ބާއްވާ "ޗާލު މިސްކިތް" ހަރަކާތުގައި އޮންނަ ކުޑަ ކުދިންގެ ހަވީރުގައި "ބައުންސީ ކާސަލް" އާއި ކުރެހުމާއި ކުލަޖެއްސުމުގެ ހަރަކާތްތަކެއް ކުރިއަށް ދާނެއެވެ.

މި ހަރަކާތް ކުރިއަށް ދާނީ ދެ ދުވަހުގެ މުއްދަތަކަށެވެ. އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އިވެންޓް ކުރިއަށް ދާނެއެވެ. އެގޮތުން ހުކުރު ދުވަހު ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:000 އަށް އަދި ރޭގަނޑު 8:00 އިން ފެށިގެން އެރޭ 11:00 އާ ހަމައަށް ކުރިއަށް ދާނެއެވެ.

އަދި ހޮނިހިރު ދުވަހު ހެނދުނު 9:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް އަދި ރޭގަނޑު 8:00 އިން ފެށިގެން އެރޭ 11:000 އާ ހަމައަށް އެ ހަރަކާތް ކުރިއަށްދާނެއެވެ.

މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެކެވެ. އެގޮތުން މިވަގުތު ސިޓީ ކައުންސިލުން މާލެއާއި ވިލިމާލޭގައި 34 މިސްކިތެއް ބަލަހައްޓަމުން ގެންދެއެވެ.

  • މާލެ ސިޓީ ކައުންސިލް އެކައުންޓް ނަންބަރު: 7730000467623
  • ވައިބާ ކުރަންވީ ސްލިޕް ނަންބަރު: 7265050