ނީލަން ފިހާރައިގައި ހިނގައިގެން އުޅޭ އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ސަރަހައްދަށްދާ ފަރާތްތަކުން މާސްކު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ އަލިފާނުގެ ހާދިސާއެއް ހިނގުމުން ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުކުތުމުގެ ކުރިން އަނގައާއި ނޭފަޔް ނިވާކުރުމަށެވެ. އަދި ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ދުމަށް ނުވަދެވޭނެހެން ބަންދުކުރުމަށެވެ.

ނޭވާލާ ނިޒާމު އަދި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ދުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބޮޑުވުން އެކަށީގެންވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އެޗްޕީއޭއިން ބުނީ ނޭވާ ކުރުވެ، ނޭޗާލާން އުނދަގޫވެ، ގަދަޔަށް ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށެވެ.

ނީލަން ފިހާރާގައި ރޯވި އަލިފާންގަނޑުގެ 70 އިންސައްތަ މިހާރު ކޮންޓްރޯލް ކޮށްފައިވާއިރު މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

ނީލަން ފިހާރާގައި އަލިފާން ރޯވެ، ވަރަށް ބޮޑަށް އަނދަމުން އަންނައިރު، މީގެ ކުރިން 2015 ވަނަ އަހަރާއި 2017 ވަނަ އަހަރުގެ ތެރޭގައި ވެސް އެތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ. އޭގެ ކުރިން ވެސް ދޭތެރެދޭތެރެއިން އެތަނުގައި އަލިފާން ރޯވެފައި ވެއެވެ.