ނީލަން ފިހާރައިގައި ރޯވި އަލިފާނުގެ ހާދިސާއާޢި ގުޅިގެން އިމާދުއްދީން އަދި އިއްޒުއްދީން ސްކޫލުގެ ހެނދުނު ދަންފަޅީގެ ކިޔެވުން މިއަދަށް ކެންސަލްކޮށްފިއެވެ.

މި ސްކޫލުތަކުގެ ދަރިވަރުންގެ ބެލެނިވެރިންނަށް މިކަމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަމުން ދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

. ނީލަން ފިހާރައިގައި ރޯވުމާއިއެކު، މާލެ ސިޓީ ކައުންސިލްގެ ބިދޭސީން ސްޓާފުންގެ އެކޮމޮޑޭޝަން ބްލޮކްގައި ވަނީ ރޯވެފައިއެވެ. ވުމާއިއެކު، މާލެ ސިޓީ ކައުންސިލްގެ 166 މުވައްޒަފުން ވަގުތީ ގޮތަކަށް އިމާދުއްދީން ސްކޫލަށް ބަދަލުކުރެވިފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދީފައިވެއެވެ.

މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައެއް ނުވެއެވެ. ނީލަން ފިހާރާގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާއިރު މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

މި އަހަރުގެ ތެރޭގައި މިއީ މިހާތަނަށް ހިނގި އަލިފާނުގެ ތިންވަނަ ހާދިސާއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ އާއި އަތޮޅުތެރޭގައި ފަހަކަށް އައިސް ހިނގި އަލިފާނުގެ ހާދިސާތަކާއި ގުޅިގެން ފުލުހުން ހާއްސަ ތަހްގީގެއް ފަށަފައިވާ ކަމަށެވެ. ފުލުހުން ފެށި ތަހްގީގަށް އާއްމުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

ނީލަން ފިހާރާގައި އަލިފާން ރޯވެ، ވަރަށް ބޮޑަށް އަނދަމުން އަންނައިރު، މީގެ ކުރިން 2015 ވަނަ އަހަރާއި 2017 ވަނަ އަހަރުގެ ތެރޭގައި ވެސް އެތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ. އޭގެ ކުރިން ވެސް ދޭތެރެދޭތެރެއިން އެތަނުގައި އަލިފާން ރޯވެފައި ވެއެވެ.