ރާއްޖޭގައި ސީ ޕްލޭންގެ ހިދުމަތް ދެމުން އަންނަ ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ) ގެ ސިއްރު މައުލޫމާތުތަކެއް ހެކަރުންގެ އަތްދަށުވެ، އެމައުލޫމާތުތައް އިންޓަނެޓްގައި ލީކް ކޮށްލައިފިއެވެ.

ބައިނަލްއަޤްވާމީ ހެކަރުންގެ ގުރޫޕެއް ކަމަށްވާ ރެންސަމް ހައުސް އިން ބުނާ ގޮތުގައި އެމީހުން ވަނީ ޓްރާންސް މޯލްޑިވްސްގެ 350 ޖީބީ ޑޭޓާ ނަގާފައެވެ.

ޓްރާންސް މޯލްޑިވްސް އަކީ އަހަރަކު މިލިއަނަކަށްވުރެ ގިނަ ފަސެންޖަރުން އުފުލާ އެއާލައިނަކަށް ވުމުން ވަރަށް ގިނަ ބައެއްގެ ޒާތީ މައުލޫމާތުތައް އެކުންފުނީގައި ހުރުން އެކަށީގެންވެއެވެ. އޭގެތެރޭގައި ޕާސްޕޯޓާއި، ކްރެޑިޓް ކާޑުގެ މައުލޫމާތުތައް ފަދަ މައުލޫމާތުތައް ހިމެނެއެވެ.

ނަމަވެސް ޓްރާންސް މޯލްޑިވްސްގެ މައުލޫމާތުތައް ނަގާފައިވާ ކަމަށް ހެކަރުން ބުނާ ބުނުމާއި ގުޅޭ ގޮތުން އަދި މިހާތަނަށް އެއާލައިނުން އެއްވެސް އެއްޗެއް ނުބުނެއެވެ.

އާއަހަރުގެ ފުރަތަމަ ދުވަހާއި ދިމާކޮށް ޓްރާންސް މޯލްޑިވްސް އަށް ސައިބާ ހަމަލާއެއް އަމާޒުވެ، ޗެކިން ސިސްޓަމް ވެސް ޑައުން ވިއެވެ. އެދުވަހު އެތައް ހާސް ފަތުރުވެރިންނެއް އެއާޕޯޓްގައި ތާށިވެ، ގިނަ ދަތިތަކެއް ކުރިމަތިވިއެވެ. މައްސަލަ ހައްލުކޮށް އަލުން ހުރިހާ ދަތުރުތައް ފަށަން ދެތިން ދުވަސް ނެގިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހެކަރުން

    ކުރިސްމަސް ފާހަގަ ކުރި ރޭ ބޮއެގެން ހުރެ ތިކަހަލަ ވާހަކަ ދެއްކި ފަތުރު ވެރިއެއް މަށަށް ސަމާލްކަން ނުދެވުނީ އަވަހަށް ޑިއުޓީ ނިއްމާފަ ދާން ހިފާފަ ހުރި ރެއެއް ވީމަ