ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސިސްޓަމަށް މައްސަލައެއް ކުރިމަތިވެ، ޓާމިނަލްގައި ފަތުރުވެރިން ތޮށްޖެހިއްޖެއެވެ.

"ވަގުތު"ޢަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޓީއެމްއޭގެ ސިސްޓަމް ޑައުންވެފައި ވަނީ މެލްވެއާ އެޓޭކެއްގެ ސަބަބުންނެވެ. އެ މައްސަލަ މިއަދު ހެނދުނުއްސުރެ ވަނީ ދިމާވެފައެވެ.

ސިސްޓަމް ޑައުންވެގެން މެނުއަލްކޮށް ޕަސެންޖަރުން ޗެކްއިން ކުރަމުންދާއިރު، ނަމަވެސް ޓާމިނަލްގައި ފަތުރުވެރިން ގިނައިރުތަކެއް ވަންދެން ތާށިވެފައިވާ ތިބެން ޖެހިފައިވާ ކަމަށް ވެއެވެ.

މައުލޫމާތު ލިބޭގޮތުގައި، ޓީއެމްއޭއިން ވަނީ ހިދުމަތް ފޯރުކޮށްދޭ ރިސޯޓްތަކުން ގެސްޓުން ގެންދިއުމަށް އިތުރު ގޮތެއް ހަމަޖައްސައިދިނުމަށް ވެސް އެދިފައެވެ.

ޓީއެމްއޭއަކީ މުޅި ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ. އެ ކުންފުނިން ރާއްޖޭގެ ގިނަ ރިސޯޓްތަކަށް ހިދުމަތް ފޯރުކޮށްދެ އެވެ.

ސިސްޓަމަށް މައްސަލަ ދިމާވެ ދަތުރުތަކަށް ބުރޫ އަރާފައިވާއިރު މި ދަނޑިވަޅަކީ ރާއްޖެއަށް ވަރަށް ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރަމުންދާ ދުވަސްވަރެކެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 5،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް މި ދުވަސްވަރު ޒިޔާރަތް ކުރެ އެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މި މަހު 29 ވަނަ ދުވަހުގެ ނިޔަލަށް ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދު ވަނީ 8 އަށް އަރާފަ އެވެ.

މި އަހަރު މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ފާއިތުވެ ދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންނާއި އަޅާ ކިޔާއިރު ވަނީ އިތުރު ވެފައެވެ.