ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ޗެކިން ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށްފިއެވެ.

ޓީއެމްއޭގެ ޗެކިން ސިސްޓަމަށް މައްސަލަ ދިމާވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ޗެކިން ސިސްޓަމަށް ދިން "މެލްވެއާ އެޓޭކެއް"ގެ ސަބަބުން ދަތުރުތައް ހުއްޓި، ރިސޯޓުތަކަށް ފުރަން ގޮސް ތިބި ފަތުރުވެރިން އެތައް އިރެއް ވަންދެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ތާށިވިއެވެ.

ސިސްޓަމް ޑައުންވެގެން ފަތުރުވެރިން ޗެކް ކުރީ މެނުއަލްކޮށެވެ.

ސިސްޓަމަށް ދިމާވި މައްސަލަ މިހާރު ހައްލުކޮށް، ކުރިއެކޭ އެއްގޮތަށް ޗެކިން ހިދުމަތް ދެމުން އަންނަ ކަމަށްވެއެވެ.

ސިސްޓަމަށް މައްސަލަ ދިމާވެ ދަތުރުތަކަށް ބުރޫ އެރީ ރާއްޖެއަށް ވަރަށް ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރަމުންދާ ދުވަސްވަރެއްގައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 5،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް މި ދުވަސްވަރު ޒިޔާރަތް ކުރެއެވެ.

މި އަހަރު މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ފާއިތުވެ ދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންނާ ބަލާއިރު ވަނީ އިތުރުވެފައެވެ.