ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ކޮޕީރައިޓް މައްސަލައަކާއި ގުޅިގެން ބަދަލު ދޭން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ޓީއެމްއޭއިން މި ބަދަލުދޭން ޖެހިފައިވަނީ 2021 ވަނަ އަހަރު އީދާއި ގުޅިގެން ދިވެހިންނަށް މަރުހަބާ ކިއުމުގެ ގޮތުން މީސް މީޑިޔާގައި ހިއްސާކުރި އީދު ކާޑަކާއި ގުޅިގެންނެވެ.

މި މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ މި ކާޑު ހެދި ފަރާތް ކަމަށްވާ ވ. ފަރުވެލި، މުހައްމަދު ފަރުހާނެވެ.

މި މައްސަލައިގައި ފަރުހާން ބުނެފައި ވަނީ، އޭނާ ޓީއެމްއޭގެ ވަޒީފާއަށް ހުށައެޅުމުން 05 މެއި 2021 ގައި އިންޓަރވިއު ކުރި ކަަމށެވެ. އިންޓަރވިއުއަށް ފަހު ޕްރެކްޓިކަލް އިމްތިހާނެއްގެ ގޮތުން އީދު ކާޑެއް ހެދުމަށްފަހު އެ ކާޑު ޓީއެމްއޭއަށް 08 މެއި 2021 ފޮނުވާފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ. އޭގެ ފަހުން އެ އަހަރު ޖުލައި ގައި ވަޒީފާ ނުލިބޭ ކަަމަށް ފަރުހާނަށް އެންގިއެވެ.

އެކަމަކު ފަރުހާންގެ އެ އުފެއްދުން ޓީއެމްއޭގެ ފޭސްބުކް ޕޭޖާއި އިންސްޓަގްރާމް ޕޭޖްގައި ބޭނުންކޮށްފައިވާ ކަމަށާއި، އަދި މިކަން ކޮށްފައި ވަނީ ފަރުހާނުގެ އުފެއްދުން ކްރޮޕް ކޮށްގެން ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި މި އުފެއްދުން ޕޯސްޓްކޮށްފައި ވަނީ މެއި 2021 ވަނަ އަހަރު 12 ވަނަ ދުވަހު ކަމަށް ފަރުހާނު ބުނެފައި ވެއެވެ.

އަދި މިކަން ފަރުހާން ޓީއެމްއޭގެ ސަމާލުކަަމަށް ގެނެސްފައި ވެއެވެ. އަދި ފަރުހާނު ޓީއެމްއޭއަށް ކޮޕީރައިޓް ނޯޓިސް ފޮނުވައި، އެއީ އޭނާ އިންޓަވިއުއަކަށް ހެދި އާޓްވޯކެއް ކަމާއި، އޭތީ ވިޔަފާރީގެ ބޭނުމަށް ބޭނުން ނުކުރެވޭނެ ކަމާއި، އެ އާޓްވޯކް މީސް މީޑިއާގެ ޕްލެޓްފޯމްތަކުން ނެގުމަށް އެދުުނެވެ.

އަދި އެ އެދުމާއި އެއްގޮތަށް ޓީއެމްއޭ އިން އެ އާޓްވޯކް ވަނީ ނަގާފައެވެ.

ފަރުހާން ވަނީ މި މައްސަލައިގައި ޓީއެމްއޭއިން ޖުމުލަ 84،715ރ ހަރަދުގެ ގޮތުގައި ނަގައިދިނުމަށް އެދިފައެވެ.

ޓީއެމްއޭއިން މި މައްސަލައިގެ އަޑުއެހުމުގައި ބުނީ، ކާޑް ހަވާލުކޮށްފައިވަނީ ޓީއެމްއޭއާ ކަމަށާއި، ޓީއެމްއޭގެ ލޯގޯ އަދި ސީ ޕްލޭންވެސް މި ކާޑްގައި ބޭނުންކޮށްފައިވާ ކަމަށެވެ. ޓީއެމްއޭގެ ލޯގޯ އާއި ސީ ޕްލޭން އަކީ ކޮޕީރައިޓް މެޓީރިއަލް ކަމަށް ބުނެ މި މައްސަލައިގެ ކަންކަން ކޮޕީރައިޓްގެ ގާނޫނުގެ ތެރޭގައި ނުހިމެނޭ ކަމަށް ޓީއެމްއޭއިން ބުނެފައި ވެއެވެ.

މިމައްސަލައިގެ ހުކުމް ކުރަމުން މައްސަލަ ބެއްލެވި ގާޒީ މަރިޔަމް ވަހީދާ ވަނީ ފަރުހާނުގެ އެ އުފެއްދުމުގެ ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިގެން ހައްގުތަކުވެ ގާނުނާއި ހިލާފަށް އެ އުފައްދުމަށް ބަދަލު ގެނެސް، އެ އުފެއްދުން އާއްމުންނަށް ފެންނަހެން ބަހައްޓައި، އަދި އާއްމުންނަށް ފޯރުކޮށްދީ، ފަރުހާނަށް ލިބިފައިވާ އިގްތިސޯދީ ހައްގާއި އަހްލާގީ ހައްގަށް ޓީއެމްއޭ އިންއިން އަރައިގަނެފައިވާ ކަަމަށް ކަނޑައަޅުއްވާފައެވެ.

އަދި އޭނާގެ ކޮޕީރައިޓް ހައްގަކަށް އަރައިގަތުމުގެ ބަދަލެއްގެ ގޮތުން -/40000ރ ފަރުހާނަށް ދައްކަން ޖެހޭ ކަމަށް ހުކުމްކޮށްފައިވާއިރު، އެ ފައިސާ 25 ޑިސެމްބަރުގެ ކުރިން ސިވިލް ކޯޓަށް ދެއްކުމަށް އަންގާފައި ވެއެވެ.