ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅައިގެން އުޅޭ ސައިބާ ބިލަކީ ގައުމީ ސަލާމަތުގެ ބާރުތައް ދޫކޮށްލުމަށް ހުށަހަޅާ ބިލެއް ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެެއްޖެއެވެ.

ހެކް ކުރުމަކީ ކުށަކަށް ހަދަން ގާނޫނުލް އުގޫބާތުގައި ހިމަނައި ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިއުން ނިމިގެން ދިޔަ ހަފްތާގައި ވަނީ އިއްވައިފައެވެ.

އެހެން ނަމަވެސް އެ ބިލަށް އަދި މަޖިލީހުގައި ބަހުސް ކުރާކަށް އަދި ނުފަށައެވެ. އެކަމަކު ބިލާ ގުޅޭ ގޮތުން އެކި ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މެމްބަރު ސައީދު ވެސް އެ ބިލުގެ މަގްސަދާ މެދު ސުވާލު އުފައްދަވައިފައެވެ.

"ސައިބަރ ސްޕޭސް އެއީނަމެއް. ޤައުމީ ސަލާމަތުގެ ބާރުވެސް ތި ދޫކޮށްލަނީ. މީގެ ފައިދާ ނަގާނީ ރާއްޖެތޯ ނޫނީ އެހެން ގައުމަކުންތޯ؟ މިއީ ރޭވިގެން ދައުލަތުގެ ބާރުކަނޑުވާލުން. ދިވެހިންގެ ވިޔަފާރި ،ބޭންކުތައް، މުއައްސަސާތައް. ޖުމްލަކޮށް ދައުލަތް ވަކިބަޔަކު ރުއްސަން ދޫކޮށްލުން!" އެމްއެންޑީއެފް ޓެގް ކުރައްވައި ސައީދު ކުރެއްވި ޓުވީޓުގައި ވެެއެވެ.

މީގެ ކުރިން ވެސް ހެކް ކުރުމުގެ އަމަލުތަކަށް ގާނޫނުގެ އެކި މާއްދާތަކުގެ ދަށުން ދައުވާ ކުރެވެއެވެ. ނަމަވެސް މީގެ ކުރިން ސައިބާ ކްރައިމްއާ ގުޅޭ ގޮތުން ސީދާ ގާނޫނުގައި ހިމަނާފައެއް ނުވެއެވެ.

ނަމަވެސް މިއަދު ހުށަހެޅި ބިލުގައި ސައިބާގެ ކުށްތައް ވަރަށް ސަރީހަކޮށް ބަޔާންކޮށްފައި ވެއެވެ.

ބިލުތަކުގައި ކުށް ކަމަށް ކަމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި ހުއްދަނެތި ކޮމްޕިއުޓާ ސިސްޓަމަށް އެކްސެސްވުމާއި ހުއްދަ ނެތި ޑޭޓާ އިންސްޕެކްޓް ކުރުމާއި ހުއްދަ ނެތި ކޮމްޕިއުޓާ ޑޭޓާއަށް އިންޓަފިއާ ކުރުން ހިމެނެ އެވެ.

އޭގެ އިތުރުން ނަހަމަ ގޮތުގައި ޑިވައިސްތައް ބޭނުން ކުރުމާއި ކޮމްޕިއުޓަރާ ގުޅުން ހުރި ފޯޖަރީގެ އަމަލުތަކާއި ކޮމްޕިއުޓަރާ ގުޅުން ހުރި އޮޅުވާލުމުގެ އަމަލުތަކާއި ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް ކުށުގެ ގޮތުގައި ބަޔާންކޮށްފައި ވެއެވެ.

ފަހަކަށް އައިސް ސައިބާގެ ކުށްތައް ރާއްޖޭގައި ވަނީ އާންމުވެފަ އެވެ. އެގޮތުން ހެކް ކޮށްގެން މީހުންގެ ބޭންކް އެކައުންޓްތައް ހެކް ކުރުމުގެ މައްސަލަތައް ފެންމަތިވެފައި ވެއެެވެ.