ރާއްޖޭގައި ތަރައްގީގެ ޗާޓު ކުރަހާލަ ދޭނެ ފަރާތަކީ ހަމައެކަނި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް ޑރ.މުއިއްޒު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ނ.އަތޮޅަށް ވަޑައިގެން ނ.ވެލިދޫގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މިހާރު މި ރާއްޖެއަށް އެންމެ ބޭނުންވަނީ ގައުމު ތަރައްގީ ކޮށްދެއްވާނެ ވެރިއެއް ކަމަށެވެ. އެކަން ކޮށްދެއްވާނެ ހަމައެކަނި ފަރާތަކީ މުއިއްޒު ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

"މީހުންނާ ދިމާލަށް ހަޑި ހުތުރު ބަހަކުން ރައްދެއް ނުދޭނެ ޑރ.މުއިއްޒެއް. ވާހަކައެއް ނުދައްކާނެ. ދެން ތިބި ހުރިހާ ސިޔާސީ ލީޑަރުން މި ދަންނަވަނީ ޓިކެޓް ހިއްޕަވައިން އުޅުއްވާ ބޭފުޅުން. ތިބޭފުޅުން ބޭނުންފުޅުވެލައްވާ ވާހަކައެއް ދައްކަވަންވީ. އަޅުގަނޑުމެންގެ ކެންޑިޑޭޓް ދައްކަވާނީ ރާއްޖޭގެ ނިޒާމަށް ފައިސާ އިތުރުވާނެ ގޮތެއް. އަޅުގަނޑުމެންގެ ކެންޑިޑޭޓް ދައްކާނީ ޒުވާނުންނަށް ވަޒީފާ އިތުރުކުރާނެ ސިޔާސަތު. އަޅުގަނޑުމެންގެ ކެންޑިޑޭޓް ދައްކަވާނީ ތަރައްގީގެ ޗާޓު. އެއީ އަޅުގަނޑުމެންގެ ކެންޑިޑޭޓް ދައްކަވާނެ އެއްޗަކީ،" ސައީދު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ސަރުކާރުން ފަށާފައި ނުނިންމާ ހުރި މަޝްރޫއުތައް ހުރީ މިހާރު ފުނި ޖެހިފައި ކަމަށް ވެސް ސައީދު ވަނީ ވިދާޅުވެފައެވެ.

ސައީދު ވިދާޅުވީ ނ.އަތޮޅުގެ 13 ރަށަކަށް ވަޑައިގެން އެރަށްރަށުން ވެސް މި ސަރުކާރުން ހިންގި އެއްވެސް ތަރައްގީގެ މަޝްރޫއެއް ފެނިފައިނުވާ ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. ހަމައެގޮތަށް ސައީދު ވިދާޅުވީ ޕީޕީއެމް ޕީއެންސީ ވެރިކަމެއްގައި ޓޫރިޒަމް ދާއިރާ ބިކަކޮށް އެކަނި ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"ރިސޯޓްގެ މަސައްކަތް ކުރާ ހުރިހާ ކުދިންނަށް ހުރިހާ ޒުވާނުންނަށް އަޅުގަނޑުގެ 17 އަހަރުގެ ޓޫރިޒަމްގެ ތަޖްރިބާގެ އަލީގައި މި ދަންނަވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓެއް ޓޫރިޒަމްގެ ސިނާއަތެއް ބިކަކޮށް އެއްލައެއް ނުލާނެ." ސައީދު ވިދާޅުވިއެވެ.

ކެމްޕެއިނަށް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުގައި އޭނާ އަށް ހުރިހާ ރަށަކުން ވެސް އަންނަނީ ހޫނު މަރުހަބާއެއް ކިޔަމުންނެވެ.

އެ ރަށްރަށަށް ވަޑައިގެން މުއިއްޒު ދެއްވާ ޔަގީން ކަމަކީ މި ސަރުކާރުގައި ކުރިިޔަށް ގެންދާ މަޝްރޫއުތައް އެއްވެސް ހާލަތެއްގައި ހުއްޓާ ނުލާނެ ކަމުގެ ޔަގީންކަމެވެ. އަދި އެއްވެސް ރަށަކަށް ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑރ އިންޒާރު

    މަގޭ ތަރައްޤީ އަކީ މަގޭ ވަޒީފާ. މިސަރުކާރުން ނުހައްގުން ވަޒީފާއިން ވަކި ކުރި މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް އަދިވެސް ޑރ މުއިއްޒު ބަސްފުޅެއް ވިދާޅުވެފައެއް ނުވެ. ކޮބައިތޯ އަހަރެން ގެ ތަރައްޤީ ގެ ހައްގު. ޑރ މުއިއްޒު ހޮވޭނީ އަހަރުމެން ގެ ހައްގު ގެ ވާހަކަވެސް އަޑު އައްސައިގެން. ގެއްލުވާލި ވަޒީފާ ތަކުގެ ހައްގު ވެރިން ގެ އިހްސާސް ޑރ މުއިއްޒު ގެ މެނިފެސްޓޯ ގައި ނެތީތޯ. ހިތާމަހުރި

    0
    3