އެއާޕޯޓްތައް މެދުވެރިކޮށް ގަވާއިދާއި ޚިލާފަށް މުދާ އެތެރެކުރުން ހުއްޓުވުމަށް ތަމްރީނެއް ފަށައިފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި ބުބެފައިވާގޮތުގައި، "އެއާޕޯޓު އިންޓަރޑިކްޝަން ޓްރެއިނިންގ''ގެ ނަމުން ފަށާފައިވާ މި ޓްރެއިނިންގ ކުރިއަށް ގެންދަނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އަމާޒުކޮށްގެންނެވެ.

މި ތަމްރީންތައް އިއްޔެ ފެށިގެން ކުރިއަށް ގެންދާއިރު، 19 ވަނަ ދުވަހުގެ ނިޔަލަށް މި ތަމްރީނުތައް ކުރިއަށް ގެންދާނެއެވެ.

މިއީ ފުލުހުންގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިޕާޓްމަންޓާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި އެމެރިކާގެ އެންޓި-ޓެރަރިޒަމް އެސިސްޓެންސް އޮފީސް ގުޅިގެން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެކެވެ.

އަދި މި ޕްރޮގްރާމްގައި އެއަރ އިންޓަރޑިކްޝަން އޮޕަރޭޝަންތަކުގައި ކުރިއަރަމުން އަންނަ ތަހުގީގުކުރުމުގެ އުކުޅުތައް އުނގަންނައި ދިނުމަށް ނިންމާފައިވާއިރު، ކޮންޓްރަބޭންޑް އިންޓަރޑިކްޝަން އޮޕަރޭޝަންސް އަދި އެއާޕޯޓު ސެކިއުރިޓީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ތަމްރީނުތައް ކުރިއަށް ގެންދާނެއެވެ. އެގޮތުން، އެނަލައިސިސް، ކޮމްޕިއުޓަރ ބޭސްޑް އިންފޮމޭޝަން ސިސްޓަމް، ކޮންޓްރަންޑް ކޮރިއަރ، ޓްރެފިކިން ޓްރެންޑްސް އަދި ހިއުމަން ޓްރެފިކިންގއާ ގުޅޭ މައުލޫމާތު ހިއްސާކުރާނެއެވެ.

އިތުރު ބައިތަކަކަށް ބަލާއިރު، ގަވާއިދާ ހިލާފަށް މުދާ އެތެރެކުރުން ހުއްޓުވުމަށާއި އެކަމުގައި ބޭނުންކުރާ ތަފާތު ގޮތްތަކާއި، ބަލްކް ކަރަންސީ އަދި ޝައްކުކުރެވޭ ހަރަކާތްތައް ދެނެގަތުމާއި، ޕެސެންޖަރ ޓާގެޓިންގ ހެދުމާއި، އިލެކްޓްރޯނިކް މީޑިއާ / ޑިވައިސް އެގްޒަމިނޭޝަން ހެދުމާއި، ކަވަރ އޯޕްރެޝަންސް އަދި އިންޓެގްރޭޝަން ޓެކްނިކްސްގެ މައުލޫމާތުތައް މި ތަމްރީނުގެ ތެރެއިން ދޭނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި ޕްރޮގްރާމްގައި ފުލުހުންނާއި، އިމިގްރޭޝަން، ކަސްޓަމްސް އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މުވައްޒަފުން ހިމެނޭހެން ޖުމްލަ 37 މުވައްޒަފުން ބައިވެރިވަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު