ރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާންކޮށްފިއެވެ.

މި މަގާމުގެ އަސާސީ މުސާރައަކީ 36،000 ރުފިޔާއެވެ. ލިވިން އެލަވަންސްގެ ގޮތުގާ 15،000 އަދި ރިސްކު އެލަވަންސްގެ ގޮތުގާ މަހަކު 3،300 ލިބޭނެއެވެ. މީގެ އިތުރުން މެޑިކަލް އިންޝުއަރެންސާއި ފޯނުބިލު އެލަވަންސްވެސް ލިބޭނެވެ.

ހައިކޯޓުން ކޮށްފައިވާ އިއުލާނެއްގައި ވަނީ، މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ އަހުލާގާއި ސުލޫކުގެ ގޮތުގާ އަށް ޝަރުތެއް ހަމަވާން ޖެހޭނެ ކަމަށެވެ.

ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި ހަމަވާން ޖެހޭ އަހުލާގާއި ސުލޫކުގެ 8 ޝަރުތު:

  • - މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން؛
  • - ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުން؛
  • - ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން؛
  • - ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން؛
  • - އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  • - ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި އެ ޙުކުމް ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ތަންފީޛުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން؛
  • - އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާއެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުން.
  • - ޖިނާއީ ކުށެއް ސާބިތުވެ ޙުކުމް ތަންފީޛު ކުރަމުންދާ މީހަކު ކަމުގައި ނުވުން

މި މަގާމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރަށްވުރެ ދޮށީ މީހުންނަށެވެ.

ތައުލީމް/ތަޖުރިބާ:

  • - އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން
  • - ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 5(ފަހެއް) އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

މި މަގާމަށް ކުރިމަތިލުމުގެ މުއްދަތަކީ މި މަހުގެ 30 ވަނަ ދުވަހުގެ ކުރިއެވެ.