ނ. އަތޮޅު ހޮޅުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކިއުޓިވް އޮފިސަރ އާދަމް އާޒިމްއެވެ.

މި އެއްބަސްވުމުގެ ދަށުން އެ ރަށުގައި ފާހަގަ ކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.

އެގޮތުން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުުމުގެ ގޮތުން، 570 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓަރ އަދި 375 މީޓަރގެ ޖީއޯބޭގް ރިވެޓްމަންޓް ގާއިމްކުރެވޭނެއެވެ. މީގެ އިތުރުން، އޮޑިއެހެލާ ސަރަހައްދުގައި އެއްގަމު ތޮއްޓެއް ގާއިމްކުރުމާއި 14 މީޓަރގެ ބޮޑުހިލައިގެ ރިވެޓްމަންޓެއް ގާއިމްކުރެވިގެންދާނެއެވެ.

މި މަޝްރޫއަށް 46 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާ އިރު، މި މަޝްރޫއުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 400 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.