މި އަހަރު އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ފަރާތުން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުތުރުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅު ފައްޓަވައިފައެވެ.

މޯލްޑިވިއަންގެ ފްލައިޓެއްގައި މިއަދު އެމަނިކުފާނު ފުރަތަމަ ވަޑައިގަންނަވާނީ ހއ. ހޯރަފުއްޓަށެވެ. މި ދަތުރުފުޅުގައި ރައީސް، ހއ. އަތޮޅު، ހދ. އަތޮޅު، އަދި ށ. އަތޮޅުގެ ގިނަ ރަށްތަކަކަށް ވަޑައިގަންނަވާނެއެވެ. އަދި އެ ރަށްތަކުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ޖަލްސާތައް ވެސް ބާއްވަވާނެއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅު ތެރެއިން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފައްޓަވާ ދެއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ މަޝްރޫއުގެ ފެށުމުގެ ރަސްމިއްޔާތު މާދަމާ ބާއްވާ ގޮތަށް ހަމަޖެހިފައިވާއިރު، އެ ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

އުތުރުގެ ގިނަ ރަށްތަކަކަށް ވަޑައިގަތުމަށް ފަހު، ރައީސް ސޯލިހް އޭގެ ފަހުގައި ވަޑައިގަންނަވާނީ ލ. އަތޮޅަށެވެ. ރައީސްގެ މި ދަތުރުފުޅުގައި ޖުމްލަ 12 ރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން އާދިއްތަ ދުވަހާ ހަމައަށް އައްޑޫ ސިޓީގައި ކެމްޕެއިން ކުރައްވައިފައެވެ. ކެމްޕެއިންގައި އައްޑޫގެ ހުރިހާ ރަށަކަށް އެމަނިކުފާނު ވަޑައިގެންނެވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާ އިރު، މި އިންތިހާބުގައި ރައީސް ސޯލިހާ ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދާއި ރައީސް ސޯލިހް ވެސް ގެންދަވަނީ ރަށް ރަށުގައި ކެމްޕެއިން ކުރައްވަމުންނެވެ.

އެމްޑީޕީގެ 57،255 މީހުންނަށް ވޯޓުލެވޭ ޕްރައިމަރީއާ ދިމާކޮށް ޕާޓީ ތެރޭގައި ވަނީ ވަރަށް ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ރައީސް މީގެކުރިން ވަނީ ކެމްޕެއިންގައި ރ، ނ، ޅ އަދި ބ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުފުޅު ކުރައްވައިފައެވެ.

2 ކޮމެންޓް

  1. އިއްބެ

    ތި ދެން ކޮންކަމެއް. އެމްޑީޕީ ފެއިލް ވެއްޖޭ. މަޖިލިސް ދެވިއްޖެ ކައުސިލް ދެވިއްޖެ ރައީސްކަން ދެވިއްޖެ. ދެތިން ވަޒީރުން އެހެން ޕާޓީއެއްގަ ތިބިޔަސް މި ބޮޑު ލަދު ފޮރުވޭނެފަ ދެރައީސުން ގެ ދެބޯގެރި ދުއްވުމަކުން.

  2. ޙ މ ޒ

    ކޮންމެތާކަށް ފުރާވަޑައިގަންނަވަނީ ރަސްމީ ދަތުރުފުޅެއްގައި، ފައިބާ ވަޑައިގަތުމާއިއެކު ނުރަސްމީއަކަށް؛ މީ ދައުލަތުގެ މާލިއްޔަތުން ވައްކަންކުރުމަށް ގެންގުޅޭ "ސިއްރު ފޮމިއުލާ" ނުންތޯ؟ ކޮންމެތާ ވައްކަ !