ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރާލި މައްސަލައިގައި ޝަރީއަތް އާދީއްތަ ދުވަހު ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފިއެވެ.

ޝިއާ މަރާލާފައި އޮއްވާ ފެނިފައިވަނީ ހ. ޝީރީން ވިލާގެ ނުވަ ވަނަ ފަންގިފިލާއިން މިދިޔަ އޮގަސްޓް މަހުގެ ހަވަނަ ދުވަހުއެވެ. ޝިއާގެ މަރާ ގުޅިގެން އެރޭގެ ވަގުތެއްގައި ސީނުން ވަނީ ފ. ނިލަންދޫއަށް ނިސްބަތްވާ ޒުވާން ސްކޭޓަރު އަލީ ޝާހިލް ހައްޔަރު ކޮށްފައެވެ.

އޭނާގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައި ވެއެވެ.

އެ މައްސަލައިގައި ޝާހިލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅީ ޑިސެމްބަރު 28 ވަނަ ދުވަހުއެވެ.

ޝާހިލްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ އިތުރުން އިތުރު 4 ދައަވާއާއެކު, އެކު ޖުމްލަ ފަސް ދަޢުވާ ކުރުމަށްކޯޓަށް ހުށަހަޅައިފައި ވެއެވެ.

އެ މައްސަލައިގެ ޝަރީއަތް އާދީއްތަ ދުވަހު ފަށަނީ ހެނދުނު 11:00ގައެވެ. ނަމަވެސް އަޑުއެހުން ސިއްރު ކަމަށް ބުނެފައި ވެއެވެ. މި އަޑުއެހުންތައް ސިއްރުކޮށްފައި ވަނީ ދައުލަތުން އެދިގެންނެވެ.

ޝިއާ މަރާލި މައްސަލައާ ގުޅިގެން މީގެ ކުރިން ފުލުހުން ވިދާޅުވީ، ޝިއާ މަރާލަން ޝާހިލް ބޭނުން ކުރި ކަމަށް ބެލެވޭ ހަތިޔާރުތަކެއް އެގެއިން ފެނިފައިވާ ކަމަށެވެ. އަދި އެހާދިސާ ހިނގިއިރު، ޝާހިލް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައާއި ގުޅިގެން ޝާހިލް ހުރީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައެވެ.