ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރާލި މައްސަލައިގައި ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ފަށައިފިއެވެ.

ޝިއާ މަރާލާފައި ވަނީ ހ. ޝީރީން ވިލާގެ ނުވަ ވަނަ ފަންގިފިލާއިން މިދިޔަ އޮގަސްޓް މަހުގެ ހަވަނަ ދުވަހުއެވެ. ޝިއާގެ މަރާ ގުޅިގެން އެރޭގެ ވަގުތެއްގައި ސީނުން ވަނީ ޒުވާން ސްކޭޓަރު އަލީ ޝާހިލް ހައްޔަރު ކޮށްފައެވެ.

އޭނާގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައި ވެއެވެ.

ޝާހިލްގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެން ކަމަށްވާތީ ނޫސްވެރިންނަށް ވެސް ޝަރީއަތުގެ މަޖިލީހަށް ނުވަދެވެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ މިއަދު ހެނދުނު ބޭއްވި އެ މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުގެ ހަރަދުގައި ސާހިލަށް ވަކީލަކު ހަމަޖައްސަން ކޯޓުން ފުރުސަތު ދީފައިވާ ކަމަށެވެ.

ގާނޫނު އަސާސީ ބުނާގޮތުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި އަމިއްލަ އަށް ވަކީލަކު ހޯދޭ ފަދަ ތަނަވަސްކަން ނެތް މީހުންނަށް ދައުލަތުގެ ހަރަދުގައި ވަކީލުން ހަމަޖައްސައިދޭން ޖެހޭނެ އެވެ. ވަކީލަކު ހަމަޖެއްސުމުގެ ކަންކަން ކުރިއަށް ގެންދާނީ އެޓާނީ ޖެނެރަލްގެ އޮފީހުންނެވެ.

ސާހިލްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އާއި ކެނަބިސް ބޭނުން ކުރުމުގެ ދައުވާގެ އިތުރުން އިތުރު ދެ ދައުވާއެއް ވެސް ކުރެ އެވެ. ނަމަވެސް ބާކީ އޮތް ދެ ދައުވާގެ މައުލޫމާތު ވެސް ދައުލަތުން ވަނީ ސިއްރުކޮށްފަ އެވެ.

އެ މައްސަލައިގައި ޝާހިލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅީ ޑިސެމްބަރު 28 ވަނަ ދުވަހުއެވެ.

ޝިއާ މަރާލި މައްސަލައާ ގުޅިގެން މީގެ ކުރިން ފުލުހުން ވިދާޅުވީ، ޝިއާ މަރާލަން ޝާހިލް ބޭނުން ކުރި ކަމަށް ބެލެވޭ ހަތިޔާރުތަކެއް އެގެއިން ފެނިފައިވާ ކަމަށެވެ. އަދި އެހާދިސާ ހިނގިއިރު، ޝާހިލް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައާއި ގުޅިގެން ޝާހިލް ހުރީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަންނި

    ރައްއިތުންގެ ރުފިޔާއިން ބޭކާރު ހަރަދު ނުކޮށް އިންސާފު ގާއިމު ކުރޭ،،،،

  2. ސަޓޯ

    ކޮން ވަކީލެއްތަ... އުމުރައް ކަނޑާލަބަލަ... ރައްޔިތުންގެ ފައިސާ އިން ބޭކާރު ހަރަދު ނުކޮއް

  3. އަލިމުތް

    ހުރިހާ ޝަރީއަތެއް ސިއްރު ކުރަން މިޖެހެނީ ކީއްވެތަ؟ ދުނިޔޭގެ ގައުމުތަކުގަ މިއަށް ވުރެ ބޮޑެތި މައްސަލަތަށް ވެސް ސިއްރެއް ނުކުރޭ!. ރާއްޖޭގަ ސިއްރު ނުކުރާ ދަނޯ 0.01% މައްސަލަ. މީތަ ދިވެހީން ބޭނުންވާ ގޮތް؟