ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ކުރިއަށްދާ ޕްރައިމަރީގައި ވޯޓު ލެއްވުމަށްފަހު، މީޑިއާތަކަށް އިންޓަވިއު ނުދެއްވާ ރައީސް ނަޝީދު ގެއަށް ވަޑައިގެންފިއެވެ.

ރައީސް ނަޝީދު ވޯޓު ލައްވާފައިވަނީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ފޮއްޓަށެވެ. ވޯޓަށްފަހު، ނަޝީދު ވަޑައިގަތުމުން ނޫސްވެރިން ވަނީ އެމަނިކުފާނުގެ އިންޓަވިއުއެއް ނެގުމަށް މަސައްކަތް ކޮށްފައެވެ.

ނަމަވެސް ނަޝީދު ވިދާޅުވީ، ފަހުން މީޑިއާތަކާއި ބައްދަލުކުރާނެ ކަމަށެވެ.

ވޯޓަށްފަހު، ނަޝީދު އެސަރަހައްދު ދޫކޮށް ވަޑައިގެންފައިވާއިރު، އެއާއި ހިލާފަށް ރައީސް ސޯލިހު ވަނީ ވޯޓު ލެއްވުމަށްފަހު، ނޫސްވެރިންނާއި ބައްދަލުކުރައްވާފައެވެ.

ނޫސްވެރިންނާއި ބައްދަލު ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީ ވެގެން ދަނީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި އަނެއްކާވެސް އާ މަންޒަރެއް ފެނިގެންދާ ދުވަހަކަށް ކަމަށެވެ. އުންމީދަކީ އިންތިހާބު ނިމިގެން ދާއިރު އަނެއްކާވެސް ޑިމޮކްރަސީގެ ހިތްހަމަޖެހޭ މަންޒަރުތަކެއް ފެނިގެން ދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނަށް ގަބޫލް ކުރެއްވެނީ ވަރަށް ތަފާތުކޮށް އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ކުރެވޭނެ ކަމެވެ. ކެމްޕެއިންގައި މަސައްކަތް ކުރެއްވީ ތަފާތު ބޮޑު ކުރަން ކަމަށާއި މި ޕްރައިމަރީގައި "ޑަބަލް ޑިޖިޓެއްގެ" ތަފާތު ފެންނާނެ ކަމަށް ލަފާ ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ރައީސް ވަނީ އެމްޑީޕީގެ އެތެރޭގެ އެއްވެސް އިންތިހާބުގައި ވޯޓު އޮޅުވާލުމުގެ އެއްވެސް ކަމެއް ހިނގާފައެއް ނެތް ކަން ފާހަގަކުރައްވަމުން މި ފަހަރުވެސް އެކަހަލަ ކަމެއް ހިނގާނެ ކަމަށް ގަބޫލްނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ށޫ

    ރޭގާ ސައްތާރު މީނާ ބޮލަށް އެރިހަ ހުރިހެން ހާދަ ހީވެޔޭ!

    4
    1
  2. ނަސީރު..

    ކޮންމެވެސް ގުޖަޑެއް ހަދާ ވޯޓްލުން ފަނިކޮއްލާނެކަން މުޖައްރިބު.