ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލީ ކަމަށް ބުނެ ގދ. ހޯނޑެއްދޫގައި އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ހުއްޓުވައިފިއެވެ.

މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހޯނޑެއްދޫގައި މި ވަގުތު ވޯޓުލުން ކުރިއަށް ގެންދިއުން ހުއްޓާލާފައިވާ ކަމަށެވެ.

ވޯޓުލުން ހުއްޓާލާފައިވާކަން ފާހަގަކޮށް އޭނާ ވިދާޅުވީ، ލިސްޓްގައި ނެތް މީހެއް ވޯޓުލީ މައްސަލަ ނުބަލަނީސް ވޯޓުލުން ކުރިއަށް ގެންދިއުމަށް އެއްބާރުލުން ނެތް ކަމަށެވެ.

ރާއްޖޭގެ އެންމެ މީހުން ގިނަ ސިޔާސީ ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓު ލުން ފަށަން ހަމަޖެހިފައި އޮތީ މިއަދު ހެނދުނު 9:00ގައެވެ. ނަމަވެސް އެކި އެކި މައްސަލަތައް ދިމާވެ ބައެއް ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފެށިފައި ވަނީ ލަހުންނެވެ.

އަދި ވޯޓުލާ މަރުކަޒުތަކުގައި ހަމަނުޖެހުންވެސް ހިނގާފައި ވެއެވެ.

އެގޮތުން ހިރިޔާ ސްކޫލްގައި ވޯޓާސް ލިސްޓް އޮޅުވާލި ކަމުގެ ތުހުމަތާއެކު ހަމަނުޖެހުންތަކެއް ވަނީ ހިނގާފައެވެ. އަދި ތާޖުއްދީން ސްކޫލްގައި ވެސް ހަމަނުޖެހުން ވަނީ ހިނގާފަ އެވެ. އަދި އެކި ރަށްރަށުގައި ވެސް ދަނީ ގިނަ ހަމަނުޖެހުންތައް ހިނގަމުން ނެވެ.

މި އިންތިހާބުގައި އެމްޑީޕީގެ 57،255 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ. މިއީ އެމްޑީޕީގެ ސިޔާސީ ތާރީހުގައި ބާއްވާނެ އެންމެ ވާދަވެރި ޕްރައިމަރީ އަށް ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޯމަތިމަސް

    ފުޅުގެ ޒީރޯ ޓޮލަރަންސް އަކީ ކޮބައިކަން އެބަފެނޭ

  2. ހޮއްކޮބޭ

    އަހަރެމެން ވޯޓްދޭނީ ޖީއެސްޓީ ކުޑަކޮށްދޭ ރައީސަކަށް ވަރައްސާފު