ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު ލިޓަންގެ ގަސްދުގައި މަރާލުމުގެ ދައުވާ ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމްގެ މައްޗަށް ސާބިތު ކުރެވޭނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ނިޒާމް އާއި ލިޓަން ދަތުރުކުރި ތެޔޮ ބޯޓެއް ގެއްލިގެން އެ ބޯޓު ހޯދަމުން ދަނިކޮށް ބޯޓު ފެނުނު ނަމަވެސް ނިޒާމް އާއި ލިޓަން ނުފެނުނެވެ. ނިޒާމް ފަހުން ފެނުނީ މާލެ ތެރޭގައި އުޅެނިކޮށެވެ. ނިޒާމް ހައްޔަރު ކުރީ ލިޓަން އާއި ނިޒާމް ގެއްލުނުތާ ހަފްތާއެއްހައި ދުވަސް ފަހުންނެވެ. ފުރަތަމަ ވެސް ފުލުހުން އޭނާގެ މައްޗަށް ކުރީ ގަސްދުގައި މީހަކު މެރުމުގެ ތުހުމަތެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ޝަމީމް މިއަދު ވިދާޅުވީ ނިޒާމްގެ މައްޗަށް ތިން ދައުވާއެއް ކުރަން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އެއީ ޤާނޫނުލް އުޤޫބާތުގެ ދަށުން، ޤަސްތުގައި މީހަކު މެރުމާއި، ވައްކަމާއި، މަސްތުވާތަކެތީގެ މުއާމަލާތު ކުރުމުގެ ކުށުގެ ދައުވާއެވެ.

ޝަމީމް ވިދާޅުވީ ނިޒާމް ދައްކާފައި ހުރި ވާހަކަދައްކާއި ގުޅިފައި ހުރި ހެކިތަކަށް ބަލާއިރު އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭކަމަށެވެ. "އަޅުގަނޑުމެން ކޯޓުގައި ސާބިތުކޮށްދޭނަން އޭނާ އެކުރި ކަމަކީ މީހަކު މަރުވެދާނެ ކަމެއްކަން. އަދި އެއީ އެހެން ނަތީޖާއެއް ނުނިކުންނަކަމެއްކަން." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ނިޒާމްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކުރާއިރު ސުޕްރީމް ކޯޓުން ޝީރިންގެ މަރުގެ މައްސަލައިގައި ނިންމާފައި ހުރި ކަންކަމަށް ރިއާޔަތް ކުރާނެ ކަމަށެވެ. "އެމައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާފައި އެބައޮތް މީހަކު ދިރިހުއްޓާ އެންމެ ފަހުން ފެނުނު މީހާގެ މައްޗަށް އަންނަން ކަންތައްތަކެއް. އޭގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުން ވެސް މިފަދަ މައްސަލަތަކުގައި ކަންކަން ކޮށްފައި އޮތް ގޮތްތައް އަޅުގަނޑުމެން ބަލާނަން." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ތަހްގީގަށް ބައެއް ވާހަކަތައް ނިޒާމް ކިޔައިދީފައިވާ ކަމަށާއި އަދި ބައެއް ހެކިތައް ވެސް ތަހްގީގަށް ހޯދިފައިވާ ކަމަށެވެ.

ޝީރީން މަރާލި މައްސަލައިގައި އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހްގެ މައްޗަށް ކުށް ސާބިތުވި ހުކުމުގައި ސުޕްރީމް ކޯޓުން ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާގައި ފުރަތަމަ ފަހަރަށް "ދަ ލާސްޓް ސީން ތިއަރީ" އަށް ގާނޫނީ ބުރަދަން ދީފައެވެ. އެ ތިއަރީއަކީ މަރުވި މީހާއާއެކު އެންމެ ފަހުން އުޅުނު މީހާ ޖަވާބުދާރީވާން ޖެހޭ ތިއަރީ ނުވަތަ އުސޫލެވެ. އެއީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ބަލައިގެންފައި އޮންނަ ގާނޫނީ އުސޫލެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހްމަދު

    އަދީބަށް 500އަހަރުގެ ހުކުމް އަންނާނެކަމަށް ބުނިމީހާދޯމީ.

    11
    1
  2. ނޭގެ

    މަރުވިތަނެއް އެނގެނީކީނޫން. މަރުވިމީހާގެ ހަށިގަނޑު ފެނުނީކީނޫން. މަރާލަން ބޭނުންކުރި ހަތިޔާރެއް ފެނުނީކީނޫން. . ދެންކިހިނެއްބާ ސާބިތުކުރާނީ

  3. ހުސޭނުބޭ

    މި މީހާއަކީ މެމްބަރު ފަލާޙްގެ ދަރިއެއްނަމަ ޕީޖީ ބުނާނީ ކީކޭބާ؟

    10
  4. އޮޅުން

    ޕީޖީ އެ އުޅެނީ ސާވްދާން އިންޑިޔާ ކުޅެންވެގެންނޯ މި ރާއްޖޭގަ ..ބޯ ހަލާކު.

  5. ބުރޯ

    ތީ މީޑިއަރ އަށް އަރާގެން ކޮސްގޮވާމީހެއް. ވާކަމެއް ހަރާމް. މުޅިން މީހުންނާ ޑީލް ހަދާގެން މައްސަލަތަށް އޮއްބާލަނީ