އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ދަނޑުވެރިންނަށް ދޫކުރަމުން އައި ސަބްސިޑީ އަނބުރާ އިއާދަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މަޑަވެލީ ދާއިރާގެ މެެމްބަރު ހުސެއިން ފިރުޝާން ހުށަހެޅުއްވި އެ ގަރާރުގެ ފުރަތަމަ ކިއުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.

ފިރުޝާން ހުށަހެޅުއްވި ގަރާރުގައި ބުނީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ދަނޑުވެރިންނަށް ދަނޑުވެރިކަމުގައި ބޭނުންކުރާ ބޭހާއި އާލާތްތައް ގަތުމަށް ސީދާ ދަނޑުވެރި މީހާގެ އަތަށް ސަބްސިޑީ ލިބުނު ކަމަށާއި އޭގެ ސަަބަބުން ދަނޑުވެރިކަން ރަނގަޅުވެ އުފެއްދުންތައް ވެސް ރަނގަޅުވެގެން ދިޔަ ކަމަށެވެ.

އެހެން ނަމަވެސް އެމްޑީޕީގެ ވެރިކަން ވައްޓާލުމުން އެ ސަބްސިޑީ ހުއްޓިގެން ދިޔަ ކަމަށެވެ. އެކަމަކު ރިޔާސީ ކެމްޕޭންގައި 2018 ވަނަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ސަބްސިޑީ އަލުން އިއާދަކުރައްވާނެ ކަމަށް ވައުދުވެޑައިގެންނެވި ކަމަށެވެ.

އެކަމަކު ހަތަރު އަހަރު ފާއިތުވެގެން ދިޔައިރު ވެސް އެ ވައުދު ނުފުއްދަވާ ކަމަށް ފިރުޝާންގެ ގަރާރުގައި ވެއެވެ.

ހަމަ އެހެންމެ ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން ޑިއުޓީ މާފުކުރުމަށް އިންޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެނެސް ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން ޑިއުޓީ އެއްކޮށް މާފު ކޮށްފައިވާ ކަމަށާއި އެކަމަކު ގާނޫނުން ކަނޑާލި ޑިއުޓީގެ ލުއިކަމެއް ދަނޑުވެރިންނަށް ނުލިބޭއިރު ދަނޑުވެރިކަމުގެ އާލާތްތައް ވިއްކާ ފިހާރަތަކުން އަދިވެސް މުދާ ގަންނަން ލިބެންހުރީ ޑިއުޓީ ކަނޑާލުމުގެ ކުރިންވެސް ލިބެން ހުރި އަގަށް ނޫނީ އެއަށްވުރެންވެސް ބޮޑު އަގުގައި ކަމަށް ފިރުޝާންގެ ގަރާރުގައި ވިދާޅުވެފައި ވެއެވެ.

އެހެންކަމުން ދަނޑުވެރިންނަށް ދެމުން އައި ސަބްސިޑީ އަލުން އިއާދަކުރަން ފިރުޝާން ގޮޥާލެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ސަބްސިޑީޒްތަ އިއާދަކުރަންވީ. ތި ބުނާ ތަކެތި އަބުބޮޑުކޮށް ވިއްކާ ބަޔަކުންނަށް ވިޔަވަޅުތަ އަޅަންވީ. ތި މަޖިލީހުގައި ގިނައީ ދޮޅުރޯނާއިން.

  2. މުހައްމަދު

    މިވެސް ވަރަށް ފެންމަތިވެގެން އުޅޭ ސޮރެއް