ވަޒީފާއިން މުސްކުޅިކުރާ އުމުރު ނުވަތަ ރިޓަޔަމަންޓް އޭޖް 65 އަހަރުން، 74 އަހަރަށް ނޫނީ 75 އަހަރަށް ބަދަލުކުރިނަމަވެސް، މުސްކުޅިކުރާ އުމުރު ހަމަވަންދެން ސަރުކާރުގައި އުޅެން މަޖުބޫރު ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ، ކޮޅުމަޑުލުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ވޭމަންޑޫއަށް ވަޑައިގަތް އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ވަޒީފާއިން މުސްކުޅިކުރާ އުމުރު ބަދަލުކުރި ނަމަވެސް 65 އަހަރުން މަތީގެ ބޭފުޅުންނަށް 74 އަހަރު ވަންދެން ސިވިލް ސާވިސްގައި އުޅެން އެއްވެސް މަޖުބޫރުކަމެއް ނޯންނާނެ ކަމަށެވެ. އަދި އެއީ އެބޭފުޅަކަށް އަރުވާ އިހްތިޔާރެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެބޭފުޅުން [65 އަހަރުން މަތީގެ ބޭފުޅުން[ގެ އިނާޔަތްތަކެއް ކެނޑިގެންނެއް ނުދާނެ އަދި ކީއްތޯ އެބޭފުޅުންގެ އިނާޔަތް ލިބިފައި އޭގެ އިތުރަށް އެބޭފުޅުންގެ ތެރެއިން ސަރުކާރުގެ ވަޒީފާއަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުންނަށް، އެބޭފުޅުންގެ އިނާޔަތަށްވުރެ ބޮޑު އެއްޗެއް ލިބިގެންދާނެ ފޯމިއުލާއެއް އަޅުގަނޑުމެން ހަދާނަން،" ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި ބައެއް ވަޒީފާތަކުގައި ތިބި މީހުން ކޮންމެހެން 65 އަހަރުވުމުން ރިޓަޔާ ކުރަން ނުޖެހޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ޑޮކްޓަރަކު، މުސްކުޅިކުރާ އުމުރަށް ދިއުމުން ރިޓަޔާ ކުރަން ނުޖެހޭ ކަމަށާއި އެފަރާތްތަކުގެ ޚިދުމަތް ޤައުމަށް ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ދައްކަވާ ބައެއް ވާހަކަތަކުގެ މާނަ އޮޅޭގޮތަށް ބައެއް ފަރާތްތަކުން ދައްކަމުންދާ ކަމަށާއި އެ ވާހަކަތަކަށް ރައްދު ނުދޭކަމަށްވާނަމަ، ވޯޓުލާން ތިބޭ އެތައް ފަރާތަކަށް އޮޅުން އަރާކަމަށެވެ.

"މިހެން ހުންނަ ކަންތައްތަކަށް އަޅުގަނޑުމެން ދައްކާފައި ހުންނަ ވާހަކަތައް ފުރޮޅާލައިގެން ނުވަތަ މާނަ އެހެން ގޮތަކަށް ބަދަލުކޮށްގެން ނުވަތަ ދައްކާ ވާހަކަ އެހެން ގޮތަކަށް ބަދަލުކޮށްގެން ދެއްކީމާ އެއަށް ރައްދު ނުދޭކަމަށް ވަންޏާ، ވޯޓުލާން ތިބޭ ރައްޔިތުންނަށް އޮޅިގެން ދަނީ." ވޭމަންޑޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

ޖަލްސާގައި އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ޒުވާނުންނަށް އަދިވެސް އެތައް ވަޒީފާގެ ފުރުސަތުތަކެއް ހޯދައިދޭން ޖެހޭކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި، އެތައް ވަޒީފާއެއް އުފައްދާފައުވާކަން ފާހަގަކުރައްވާ، ރައީސް ޔާމީން ވިދާޅުވީ، ޒުވާނުންނަށް ވަޒީފާ ހޯދައިދެވޭނެ އެންމެ ބޮޑު ދެ މަގަކީ ރިސޯޓުތަކުންނާއި ސަރުކާރު ކުންފުނިތައް މެދުވެރިކޮށްގެންކަމަށެވެ.

އެހެންކަމުން، ސަރުކާރު ކުންފުނިތައް އުވާލުމަކީ ނުވަތަ އެތަންތަނުގެ ސައިޒު ކުޑަކުރުމަކީ، އެކަމަށް އަދި އެތައް ބަޔަކަށް ގެއްލުން ލިބޭނެ ކަމެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.