އަންނަ ސެޕްޓެމްބަރު މަސްތެރޭގައި ނ.މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި ވާހަކަދައްކަމުން މޫސާ ޒަމީރު ވިދާޅުވީ، އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ އެއާޕޯޓުގެ އޮޕަރޭޝަންތައް ފެށުމަށް މަސައްކަތް ކުރެވެމުންދާ ކަމަށާއި، އެއާޕޯޓްގެ ސަބަބުން ނ.އަތޮޅުގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، އަންނަ މަހުގެ މެދުތެރޭގައި އެއާޕޯޓަށް ފްލައިޓް ޖެއްސޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި އެއާޕޯޓާއެކު މުސްތަގުބަލުގައި އިންޑިއާ ކަނޑުގައި އޮތް އެންމެ އަގު ބޮޑު ޓޫރިޒަމް ޒޯނަށް ނ.އަތޮޅުވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކެނދިކޮޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ވިދާޅުވީ، އެ އެއާޕޯޓް ވެގެންދާނީ ނ.އަތޮޅުގެ އިޤްތިސާދީ މައި ދޮރާށްޓަށް ކަމަށެވެ.

މާފަރު އެއާޕޯޓްގައި މިއަދު ވަނީ ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސާފައެވެ. އެފްލައިޓުން މިނިސްޓަރ ޒަމީރު އާއި މެންބަރު އަލީ މައުރޫފްގެ އިތުރުން ޕީޕީޕީއެމްގެ ބައެއް މަޖިލިސް މެންބަރުން މިއަދު މާފަރަށް ވަޑައިގެންނެވިއެވެ.

މާފަރު އެއާޕޯޓަކީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ތަރައްޤީކުރާ އެއާޕޯޓެކެވެ. އެ އެއާޕޯޓުގެ ރަންވޭގެ ދިގު މިނުގައި 2200 މީޓަރު ހުންނައިރު، ފުޅާ މިނުގައި ހުންނަނީ 40 ފޫޓެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލީ ހަމީދު

    މަނަދޫ ރައްޔަތުންނައް މި ސަރުކާރުން ގެނެސްދިން ޖަވާހިރެއް..އަވަހައް މަނަދޫގަ ގެސްޓްހައުސް ތައް ގިނައިން ހަދަންވީި...އެއާރޕޯޓް ނޭޅޭނެ ބުނިކުދިން މޭނުބައިވެ ފަނިވެފަ..

  2. އަލީ

    ރައީސް ޔާމީން ވަރެއްނެއް. ބޮޑު ތަފާތަކުން އިދިކޮޅު ބަލިކުރާނަން. އިންޝާﷲ