ސަރުކާރުގެ ސްކޮލަރޝިޕް ފިޔަވައި، މަތީ ތައުލީމަށް ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ޒަކާތު ފަންޑުގެ އެހީގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެކަމަށް އެދި ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ސަރުކާރުގެ ސްކޮލަރޝިޕެއްގައި ކިޔަވުމުންދާ ދަރިވަރުން ފިޔަވައި، މަތީ ތަޢުލީމުގެ ދާއިރާތަކުން މިހާރުވެސް ކިޔަވަމުންދާ އަދި އެކި ސަބަބުތަކާހުރެ ކިޔެވުން މެދުކެނޑިފައިވާ، ފަރާތްތަކަށް، އެފަރާތްތަކުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ޒަކާތު ފަންޑުން އެހީވާން ނިންމާފައިވާކަމަށެެވެ.

އަދި އެ ފަންޑުގެ އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން މި މަހުގެ ނިލަށް ވަނީ ހުޅުވާލާފައެވެ.

އިސްލާމިކް މިނިސްޓްރީގެ އެ އިއުލާނުގައި ބުނެފައިވާގޮތުގައި، މި އެހީގެ ދަށުން ދެވޭނީ ރާއްޖެއިން ބޭރަށްނަމަ 17 ކުދިންނަށް ކޮންމެ ކުއްޖަކަށް ގިނަވެގެން 100,000 (އެއްލައްކަ) ދިވެހި ރުފިޔާ ކަމަށާއި، އަދި ރާއްޖޭގައި ނަމަ 36 ކުދިންނަށް ކޮންމެ ކުއްޖަކަށް ގިނަވެގެން 20,000 (ވިހި ހާސް) ދިވެހި ރުފިޔާއެވެ.

"މި އެހީގެ ދަށުން ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް ދިނުމަށް ހަމަޖެހިފައިވަނީ ކޯސް ފީއެވެ. (މީގެ ތެރޭގައި އެ އިންސްޓިޓިއުޓަކަށް ދައްކަންޖެހޭ އެހެނިހެން ފީތައްވެސް ހިމެނޭނެއެވެ.)". އެ އިއުލާނުގައި ވެއެވެ.

އެ އިއުލާނުގައި ބުނެފައިވާގޮތުގައި، ކިޔަވަމުންދާ ދަރިވަރަކީ ސަރުކާރުގެ ސްކޮލަރޝިޕެއްގައި، ނުވަތަ ދައުލަތުގެ ޚަރަދުގައި ކިޔަވަމުން ދަނިކޮށް ފެއިލްވެ/ ރިޕީޓް ވުމުގެ ސަބަބުން ސްޕޮންސަރ މެދުކެނޑިފައިވާ ދަރިވަރެއް ކަމުގައިވެގެން ނުވާނެ ކަމަށެވެ. އަދި ކިޔަވަމުންދާ ތަޢުލީމު ޙާސިލްކުރާ މަރުކަޒަކީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ތަނަކަށްވާންވާނެ ކަމަށްވެސް ބުނެފަައި ވެއެވެ.

އެ އިއުލާނާ ބެހޭ އިތުރު މައުލޫމާތު މި ލިންކް މެދުވެރިކޮށް ލިބޭނެއެވެ.