މިއަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި މާލެއިން ޖުމްލަ 7،433،908.00 ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއީ އޮންލައިންކޮށް އަދި މިނިސްޓްރީގެ ކައުންޓަރުތަކުން ލިބިފައިވާ ފައިސާ ކަމަށެވެ. އަދި އޭގެ ތެރޭގައި އޮންލައިންކޮށް އެހެން ރަށްރަށުން ދައްކާފައިވާ ފައިސާ ވެސް ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

ފަޤީރުން ނެތް ރަށްރަށުގެ ފައިސާގެ ގޮތުގައި 450،373 ރުފިޔާ ލިބިފައިވާއިރު، ފަޤީރުން ނެތް ރަށްތަކުގެ ގޮތުގައި ހިމެނެނީ ޖުމްލަ 42 ރަށެވެ.

އެއީ ހއ. މޮޅަދޫ، ހއ. މުރައިދޫ، ހއ. ތަކަންދޫ، ހދ. ހިރިމަރަދޫ، ށ. ބިލެތްފަހި، ށ. ފީވަށް، ށ. ކޮމަންޑޫ، ށ. ނޫމަރާ، ށ. ނަރުދޫ، ށ. މަރޮށި، ނ. މާޅެންދޫ، ނ. މަގޫދޫ، ނ.ފޮއްދޫ، ރ. އަނގޮޅިތީމު، ރ. ކިނޮޅަސް، ބ. ފުޅަދޫ، ބ. ގޮއިދޫ، ބ. ކިހާދޫ، ބ. ކެންދޫ، ކ. ހުރާ، އދ. ދިއްދޫ، އދ. މަންދޫ، އދ. ފެންފުށި، އދ. މަހިބަދޫ، ވ. ފެލިދޫ، ވ. ރަކީދޫ، ވ. ތިނަދޫ، ވ. ފުލިދޫ، މ. ދިއްގަރު، މ. ނާލާފުށި، މ. ރަތްމަންދޫ، މ. ވޭވަށް، މ. މަޑުއްވަރި، ފ. ދަރަނބޫދޫ. ފ. މަގޫދޫ، ފ. ނިލަންދޫ، ތ. ކަނޑޫދޫ، ތ. ވަންދޫ. ތ. ގުރައިދޫ، ލ. ދަނބިދޫ، ދ. ހުޅުދެލި އަދި ދ. ރިނބިދޫއެވެ.

ފަޤީރުން ނެތް ރަށްރަށުން ލިބުނު ފައިސާއާއި މާލެއިން ލިބުނު އަދަދަށް ބަލާއިރު، މުޅި ޖުމްލަ 7،884،281.00 ރުފިޔާ ޒަކާތުގެ ގޮތުގައި ލިބިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ގޮވާމުގެ ބާވަތްތަކުން މުޅި ޖުމްލަ 11399.45 ކިލޯ ލިބިފައިވާއިރު، ޞަދަގާތުގެ ގޮތުގައި ގޮވާމުގެ ބާވަތްތަކުން ލިބިފައިވަނީ 10092 ކިލޯ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަމަލު

    މި ފަގީރުންނަށް ބަހަނީ ކޮންދުވަހަކުކަން ހަބަރުގައި ނެތީމަ ދެރައީ

  2. ބުނަންތަ

    މައުލޫމާތު ލިބޭ ވަރަކުން ލިޔެވޭނީ