މުޖުތަމަޢުގައި މުހިންމު ދައުރު އަދާކުރެވޭނީ އަމިއްލަ ނަފްސު ސާބިތުކަމާއިއެކު ހުރެގެންކަމަށް ޑރ.އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.

ޑރ. އަނާރާ މިހެން ވިދާޅުވީ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ. “މުޖުތަމަޢުގެ ކުރިއެރުމުގައި މުސްލިމް އަންހެނާގެ ދައުރު” މި މައުޟޫޢަށް މި ފޯރަމްގައި ތަޤްރީރުކުރެއްވީ ޑރ. އަނާރާ ނަޢީމް އަދި އަލްއުސްތާޛާ ޢާއިޝާ ޚަލީލާ ޢަބްދުއްސައްތާރެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން، ޑރ. އަނާރާ ވިދާޅުވީ އަންހެނުންނަކީ މުޖުތަމައުގެ ދެބައިކުޅަ އެއްބައިކަމަށާއި މުޖުތަމައުގައި އަންހެނުންގެ ދައުރު ބޮޑުކަމަށެވެ.

އެގޮތުން އަންހެނުންގެ މައްޗަށްވާ އާއިލީ ދައުރާއި، އިޖުތިމާޢީ ދައުރާއި އިޤްތިސާދީ ދައުރާއި ސިޔާސީ ދައުރާއި ދީނީ ދައުރަށް ބައްލަވާލެއްވިއެވެ.

އިސްލާމީ ޝަރީޢަތް އައުމުގެ ކުރީގައި އަންހެނުންގެ ޙާލަތާއި އިސްލާމީ ޝަރީޢަތުގެ ފަހުން އަންހެނުންގެ ޙާލަތަށް އައި ބަދަލުތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވަމުން،

އިސްލާމީ ޝަރީޢަތް އައުމުގެ ކުރިން އަންހެނުން ދިރިހުއްޓާ ވަޅުލުމާއި، އަންހެނުންނަކީ ވާރުތަވާ ބައެއްގެ ގޮތުގައި ތިބިކަމާއި އަންހެނުންނަކީ ހަމައެކަނި ފިރިހެނުންނަށް ޚިދުމަތްކުރުމަށް ލައްވާފައިވާ ބައެއްކަމަށް އޭރު އެ މުޖުތަމަޢުތަކުގައި އޮންނަކަން ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް އިސްލާމީ ޝަރީޢަތް އައުމުން އިންސާނާއަށް ދިރިހުރުމުގެ ޙައްޤާއި މުދާ މިލްކުކުރުމާއި އިލްމު އުނގެނުމާ މިފަދަ ވަރަށް މަތިވެރި ދަރަޖަތަކަށް އަންހެނުން ގެންގޮސްދޭނެ އެތައް ޙައްޤެއް ލިބިގެން ދިޔަކަމަށް ވިދާޅުވިއެވެ.

އިންސާނީ ޙައްޤުތަކާއި އަންހެނުންނާއި ފިރިހެނުން ހަމަހަމަކަން ކަނޑައެޅިގެން ދިޔަކަމަށް ވިދާޅުވިއެވެ. އެގޮތުން އިންސާނާ ދިރިހުރުމުގެ ޙައްޤު، ތަޢުލީމު އުނގެނުމާއި ޚިޔާލުފާޅުކުރުމުގެ ޙައްޤާއި މި ހުރިހާ ޙައްޤުތަކެއް ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށް ލިބިގެން ދިޔަކަމަށް ވިދާޅުވިއެވެ.

އަދި ޢިލްމު އުނގެނުމަށް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާކަމާއި އެހެންކަމުން މި ކަންކަމުން އެނގިގެން ދަނީ އިސްލާމްދީން އައުމުން އަންހެނުންނަށް ލިބިގެންދިޔަ ޤަދަރާއި މަތިވެރި ޝަރަފްކަމަށް ވިދާޅުވިއެވެ.

އިސްލާމީ ޝަރީޢަތާއިއެކު އަންހެނުންނަށް އިންސާފު ޤާއިމްވެގެން ދިޔަކަމަށްވެސް ޑރ. އަނާރާ ވިދާޅުވިއެވެ.

މުޖުތަމަޢު ބިނާކުރުމުގައި އަންހެނުންގެ ދައުރަށް ބައްލަވަމުން އަންހެނުންނަކީ މުޖުތަމައުގައި ތަފާތު ދައުރު އަދާކުރާ ބައެއް ކަމަށް ވިދާޅުވިއެވެ.

އެގޮތުން އަންހެން ދަރިއެއްގެ ގޮތުގައިއާއި، ކޮއްކޮއެއް، ދައްތައެއް، އަނތްބެއް، މަންމައެއް، ނޫނީ މާމައެއްގެ ދައުރު މުޖުތަމައެއްގައި އަންހެނަކު އަދާކުރާކަމަށް ވިދާޅުވިއެވެ.

މި ދައުރުތައް އަދާކުރެވޭނީ އަމިއްލަ ނަފްސު ސާބިތުކަމާއިއެކު ހުރެގެންކަމަށް ވިދާޅުވެ އަޅުކަންތައް ބަރާބަރަށް އަދާކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުންފަދަ ކަންކަމަކީ ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަންކަންކަމަށް ވިދާޅުވިއެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އަލްއުސްތާޛާ ޢާއިޝާ ޚަލީލާވަނީ އިސްލާމީ ތާރީޚުން އަންހެނުންގެ ދައުރަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.

އެގޮތުން ރަސޫލާ ﷺގެ ޙަޔާތްޕުޅުގައި އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންގެ މަސައްކަތްޕުޅާއި، ހަދީޘް ޢިލްމުގައި ކުރެއްވި މަސައްކަތްޕުޅަށް ބައްލަވާލެއްވިއެވެ.

އިސްލާމީ ރިސާލަތު އަޅުގަނޑުމެންނާ ހަމައަށް އައުމުގައި އިސްލާމީ އުންމަތުގެ އަންހެން ބޭފުޅުންގެ ވަރަށް ބޮޑު ދައުރެއްވާކަން ފާހަގަކުރެއްވިއެވެ.

އިލްމު އުނގެނުމަކީ ވާޖިބެއްކަމަށް ރަސޫލާ ﷺ އަންގަވާފައިވާކަމަށާއި އިލްމު އުނގެނުމުން މަޙްރޫމްވުމަކީ ވަރަށް ބޮޑު ނިޢުމަތެއް އެމީހެއްގެ ކިބައިން ގެއްލިގެންދާ ކަމެއްކަމަށް ވިދާޅުވިއެވެ.

އަންހެނުންގެ ދައުރު ފުޅާކުރެވޭނީ ޢިލްމު އުނގެނިގެންކަމަށް ވިދާޅުވެ މަޝްހޫރު ޢިލްމުވެރިން ތަރުބިއްޔަތުކުރުމުގައި އެބޭފުޅުންގެ މަންމައިންގެ ދައުރު ވަރަށް ބޮޑުކަމަށް ވިދާޅުވިއެވެ.

ޔަތީމުންގެ ގޮތުގައި ތިއްބެވި އެ ބޭފުޅުން، ތަރުބިއްޔަތު ކުރައްވައި، އިމާމުންނާއި ޢިލްމުވެރިންގެ ގޮތުގައި މުޖުތަމައަށް ނެރުއްވީ އެބޭކަލުންގެ މަންމައިންކަމަށް ވިދާޅުވިއެވެ.

ހުރިހާ ޖީލެއް ބިނާކުރާ ބަޔަކީ އަންހެނުންނަށްވާއިރު އަންހެނުންނަށް ޝަރުޢީ ގޮތުން ޙަވާލުވެފައިވާ ދައުރު އަންހެނުންނަށް އަދާކުރެވޭނީ އަންހެނުންނަކީ ރަނގަޅު އިލްމެއް ލިބިފައިވާ ބަޔަކަށް ވެގެންކަމަށްވެސް އަލްއުސްތާޛާ ޢާއިޝާ ޚަލީލާ ވިދާޅުވިއެވެ.