އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައިވަނީ އެޤައުމުގެ ޖަޒީރާ ރަށެއްކަމަށްވާ ސެލެބީސްގެ އުތުރުން ކަނޑުގެ ސަރަޙައްދަކަށެވެ. ދާދި ދެންމެއަކު ބިމުގެ 546 ކިލޯމީޓަރު އަޑިން އައި މި ބިންހެލުމުގެ ބާރުމިން، ރެކްޓަރ މިންގަނޑުން 6.5 އަށް އަރާކަމަށް އިންޑޮނޭޝިއާގެ އިދާރާތަކުން ބުނެއެވެ.

މި ބިންހެލުމުގެ ލޮޅުން، އެ ސަރަޙައްދުގައި އޮންނަ ސެލެބީސްއަށް އައިސްފައިވާއިރު، މި ހާދިސާގައި ތަނަކަށް ނުވަތަ މީހަކަށް ގެއްލުމެއް ލިބިގެން އެއްވެސް ފަރާތަކުން މިހާތަނަށް ރިޕޯޓްކޮށްފައިވާކަމެއް ނޭނގެއެވެ.

އިންޑޮނޭޝިއާއަށް މިރޭ ބިންހެލުމެއް އައިސްފައި މިވަނީ ފާއިތުވެދިޔަ ދެ ހަފްތާއެއްހައި ދުވަސްތެރޭގައިވެސް އެޤައުމަށް ބާރުގަދަ ބިންހެލުންތައް އައިސްފައި ވަނިކޮށެވެ. އެގޮތުން މި މަހުގެ ފަސް ވަނަ ދުވަހު އެޤައުމުގެ ލޮމްބޮކްއަށް ރެކްޓަރ މިންގަނޑުން 7.0 ގެ ބާރުމިނުގައި ބިންހެލުމެއް އައިސް، ބާރުގަދަ ލޮޅުންތަކެއް އައި ހާދިސާގައި ގިނަ ޢަދަދެއްގެ ބަޔަކު މަރުވެފައި ވެއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުންތައް އާދަޔާއި ޚިލާފަށް ގިނައިން އަންނަމުންދާއިރު، އެޤައުމު ހިމެނޭ ސަރަޙައްދަކީ ދުނިޔެ ނުދެކޭހައި ބާރުގަދަ ބިންހެލުމެއް އަންނާނެ ކަމަށް ތަޖުރިބާކަރުން ލަފާކުރާ ސަރަޙައްދެކެވެ. ބޮޑު ބިންހެލުމެއް އައުމުގެ ކުރިން ބާރުގަދަ ކުދި ބިންހެލުންތައް ގިނަ އަދަދަކަށް މި ސަރަޙައްދަށް އަންނާނެ ކަމަށް އެފަރާތްތަކުން ކުރިން ބުނެފައި ވެއެވެ.