އިންޑޮނޭޝިއާގެ ސުލަވެސީ އައިލެންޑް ކައިރިން ފެރީއެއް ބަންޑުން ޖަހާލައި ފަނަރަ މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

އިންޑޮނޭޝިއާގެ ނޭޝަނަލް ސާޗް އެންޑް ރެސްކިއު އެޖެންސީން ބުނީ އެ ފެރީ އަޑިއަށް ދިޔަ އިރު އެ ފެރީގައި 40 ފަސިންޖަރުން ތިބި ކަމަށާއި، ބޯޓު ބަންޑުން ޖަހާލައި ގެއްލުނު ނަވާރަ މީހަކު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނަ ކަމަށެވެ.

އަދި ހަ ފަސިންޖަރުން ސަލާމަތްކޮށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް އެ އެޖެންސީން ބުންޏެވެ.

އެ ބޯޓުގައި ތިބީ ކިތައް މީހުން ކަމެއް ސާފުނުވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

"ބަލާ ފާސްކުރާނީ ދެ ޓީމަކަށް ބަހާލައިގެން. ފުރަތަމަ ޓީމު އެކްސިޑެންޓް ހިނގި ސަރަހައްދުގެ ވަށައިގެން ޑައިވް ކުރާނެ،" ދެކުނު އިރުމަތީ ސުލަވެސީގެ ކެންދާރީ ސިޓީގެ ލޯކަލް ސާޗް އެންޑް ރެސްކިއު އެޖެންސީގެ ވެރިޔާ މުހައްމަދު އަރަފާހު ވިދާޅުވިއެވެ.

17،000 އަށް ވުރެ ގިނަ ރަށް ހިމެނޭ ދުނިޔޭގެ އެންމެ ބޮޑު ޖަޒީރާ ގައުމު ކަމަށްވާ އިންޑޮނޭޝިއާގައި ފެރީ އެކްސިޑެންޓްވުމަކީ އާދައިގެ ކަމެއް ނޫނެވެ.

2018 ވަނަ އަހަރު ސުމަޓްރާ އައިލެންޑްގެ ލޭކް ޓޯބާގައި އޯވަލޯޑް ފެރީއެއް ފުރޮޅާލައި އަޑިއަށް ގޮސް 192 މީހުން ވަނީ ގެނބިގެން މަރުވެފައެވެ.

މިދިޔަ އަހަރުގެ މެއި މަހު 800 އަށް ވުރެ ގިނަ މީހުންނާއެކު ދަތުރުކުރި ފެރީއެއް އިރުމަތީ ނޫސާ ޓެންގަރާ ޕްރޮވިންސްގެ ކަނޑުގެ ސަރަހައްދުގައި އަޑިއަށް ގޮސްފައިވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.