ޖީ-20 ސަމިޓްގައި ހުރިހާ ލީޑަރުން އެއް މޭޒަކަށް އަންނާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އިންޑޮނޭޝިއާ އިން އިންޑިއާ އަށް ކަނޑައަޅާފައި ހުންނަ ސަފީރު އިނާ ކްރިސްނަމުރްތީ ވިދާޅުވެއްޖެއެވެ.

ގްރޫޕް އޮފް 20 (ޖީ-20) ގެ ރިޔާސަތާ އިންޑިއާ އިން ހަވާލުވެފައިވާ އިރު، ޖީ-20 އަކީ ދުނިޔޭގެ ބޮޑެތި ގައުމުތަކާއި ޔޫރަޕިއަން ޔޫނިއަން ތަމްސީލުކުރާ ޖަމިއްޔާއެކެވެ. އިންޑިއާގެ ޖީ-20 ރިޔާސަތުގައި ޝިއާރަކީ "ވަން އާތު، ވަން ފެމިލީ، ވަން ފިއުޗާ" އެވެ. މި ސަމިޓް ބާއްވާނީ އަންނަ މަހުގައެވެ.

އިންޑިއާ އިން އިސްކަންދޭ ހަ ކަމަކީ މޫސުމަށް އަންނަ ބަދަލުތަކާއި އެއާ ދެކޮޅަށް އަޅާ ފިޔަވަޅުތައް، އިންކްލޫސިވް އެންޑް ރެސިލިއަންޓް ގްރޯތް، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ކުރިއެރުން އަވަސްކުރުން، ޓެކްނޮލޮޖިކަލް ޓްރާންސްފޯމޭޝަން އެންޑް ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ، ވިމަން ލެޑް ޑިވެލޮޕްމަންޓް އަދި ރިފޯމްޑް މަލްޓިލޭޓަރަލިޒަމްއެވެ.

އިންޑޮނޭޝިއާ ސަފީރު އިނާ ވިދާޅުވީ ޖީ-20 ގެ ރިޔާސަތާ އިންޑިއާ ހަވާލުވުމުން އެ ސަމިޓާ މެދުގައި އިތުބާރު ލިބި އުންމީދުތައް ކުރެވެން ފަށާފައިވާ ކަމަށެވެ. އަދި މި ސަމިޓުގެ ސަބަބުން ހުރިހާ ލީޑަރުން އެއް މޭޒަކަށް ގެނެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖީ-20 ސަމިޓްގައި ކުރެވޭ މަޝްވަރާތަކުގެ ތެރޭގައި އިގްތިސާދުތަކަށް ފައިދާވާނެ ގޮތްތަކާ މެދުގައި މަޝްވަރާ ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ސަފީރު އަލިއަޅުއްވާލައްވައި ވާހަކަ ދެއްކެވިއެވެ.

"މިއީ އެންމެ ބޮޑެތި ލީޑަރުންގެ ބައިވެރިވުން ފެންނާނެ ކަމެއް. އެހެންވެ އުންމީދު ކުރަނީ އިންޑިއާ އިން މިކަން ހަރުދަނާ ކަމާއެކީގައި ކުރާނެ ކަމަށް. ތަފާތު ގެނައުމުގައި އިންޑިއާ އިން މީގެކުރިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައި. ރިޔާސަތަށް އައުމަކީ ލިބޭނެ އިތުރު ބާރެއް،" އިންޑޮނޭޝިއާގެ ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ ވަކި ގައުމުތަކެއްގެ ދެމެދުގައި އޮތް ދެބަސްވުމާއި އަރާރުމަށް ވުރެ ސަމިޓްގައި އެންމެ ރަނގަޅު ވާނީ ޖުމްލަކޮށް ހުރި ކަންބޮޑުވުންތައް ހައްލު ކުރުން ކަމަށެވެ.

ސަފީރު ވިދާޅުވީ އިންޑިއާ އާއި އިންޑޮނޭޝިއާ އިން ވެސް އެކުގައި މަސައްކަތް ކުރާނީ ދުނިޔޭގެ އިގްތިސާދާއި ކުރިއަރަމުން އަންނަ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން އަޑު އުފުލައި ހައްލު ހޯދަން ކަމަށެވެ. އަދި އިންޑިއާއަކީ މިކަމުގައި އުޅޭވެނެ އެންމެ ބޮޑު އެއް ގައުމު ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙާދިސާބޭބެ

    ހިންދޫން އެކަނި އެއްމޭޒަކަށް އެރުވުނަސް ސާބަސް މޯދީއަކީ ކަލެއްކަމަށް ދައުވާކުރާ ޚާއިނެއް!