ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީންއާ ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހް (އިބޫ) އަކީ އުއްމީދެއް ނެތް ކެންޑިޑޭޓެއް ކަމަށް އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް ދެއްވީ ޙާއްޞަ ބަސްދީގަތުމެއްގައި މިނިސްޓަރ ޠާރިޤް ވިދާޅުވީ ރިޔާސީ ކެމްޕޭނަށް އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) އަދި އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމް ރަށްތަކަށް ވަޑައިގެންނެވުމުން ގިނަ ރައްޔިތުން މަރުޚަބާ ދަންނަވަން އަދި ހަރަކާތްތަކުގައި ބައިވެރިވެވަޑައި ނުގަންނަވަނީ އިބޫއަކީ "އުއްމީދެއް ނެތް" ކެންޑިޑޭޓަކަށްވާތީ ކަމަށެވެ.

އެންވަޔަރަމެންޓް މިނިސްޓަރު ޠާރިޤް އިބްރާހިމް މިހެން ވިދާޅުވިއިރު، އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިޙް (އިބޫ) އާއި ރަނިންމޭޓް ފައިސަލް ނަސީމަށް މަރުޚަބާ ދަންނަވަން ގިނަ މީހުން ނުނިކުންނަނީ ވަޒީފާގެ ބިރަށްޓަކައި ކަމަށް އިދިކޮޅު ފަރާތްތަކުން ގެންދަނީ ތުހުމަތު ކުރަމުންނެވެ.

މިނިސްޓަރު ޠޯރިޤް ވިދާޅުވީ، އިބޫއާ މެދުގައި ދިވެހި ރައްޔިތުންގެ އެއްވެސް އުއްމީދެއް ނެތް ކަމަށާއި، ރައްޔިތުން އިބޫއާ މެދުގައި އުއްމީދު ނުކުރާ ސަބަބުތަކެއްވެސް އެބަހުރި ކަމަށެވެ. އެގޮތުން އެމްޑީޕީއަށް ވެރިކަން ލިބި ވެރިކަމުގައި ހޭދަކުރެއްވި ދުވަސަތަކުގައި، ވެރިކަމަށް ވަޑައިގަންނަވަން ވީ ވައުދުތައް ފުއްދަން މަސައްކަތް ނުކުރެއްވުމާއި، އެމްޑީ.ޕީގެ ލާދީނީ ފިކުރުގެ އިތުރުން މިފަހަރުގެ ކެމްޕޭނުގައިވެސް އުއްމީދީ ވާހަކަތަކެއް ނުދެއްކެވުން ހިމެނޭކަމަށް ޠާރިޤް ވިދާޅުވިއެވެ.

އެމްޑީޕީން ވެރިކަމަށް އަންނަން ވީ ވައުދުތަކާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، ތިން އަހަރާއި ބައިގައި އަމިއްލަފުޅަށް ވެރިކަމުން އިސްތިއުފާ ދެއްވީ ރައްޔިތުންނަށް ކޮށްދެއްވަން އެމްޑީޕީން ވީ ވައުދުތައް ބޮލާލައި ޖަހާފައި ކަމަށާއި، ވެރިކަމުން އިސްތިއުފާ ދެއްވީ ޤައުމަށް ބޮޑެތި ގެއްލުންތަކެއްދީ، ބޮޑު ދަރަންޏަކުން ޤައިމު ދަރަނިވެރި ކުރުވާފައި ކަމަށެވެ. އެގޮތުން އެމްޑީޕީ ވެރިކަމަށް ވަޑައިގެންނެވިއިރު 7 ބިލިއަން ރުފިޔާގައި އޮތް ޤައުމުގެ ދަރަނި އެ ވެރިކަން ނިމުނުއިރު ވަނީ 36 ބިލިއަން ރުފިޔާއަށް އިތުރުވެފައި ކަމަށް ޠާރިޤް ވިދާޅުވިއެވެ. މީގެ އިތުރުން އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޭރުގެ ކުންފުންޏަކަށް ވިއްކާލި ކަމަށާއި، ދިރާގާއި އެމްޑަވްލިޔުއެސްސީގެ ހިއްސާ ވިއްކާލިއިރު، ޤައުމީ އެއާލައިންވެސް ވިއްކާލަން މަސައްކަތް ކުރެއްވި ކަމަށް ޠާރިޤް ވިދާޅުވިއެވެ.

މިނިސްޓަރު ޠާރިޤް ވިދާޅުވީ، އިބޫއަށް މަރުޚަބާ ދަންނަވަން ގިނަ ރައްޔިތުން ނުނިކުންނަނީ ބަދަލެއް ނުވާ އެމްޑީޕީގެ "ލާދީނީ" ފިކުރުގެ ސަބަބުން ކަމަށާއި، އެމްޑީޕީ ވެރިކަމުގައި އޮތް އިރުވެސް އަދި މިއަދުވެސް އެ ޕާޓީގެ ފިކުރަކީ އެއް ފިކުރެއް ކަމަށެވެ. އެ ފިކުރުގެ ތެރެއިން މަންފާވެ ފައިދާ ލިބިފައިވަނީ އެމްޑީޕީގެ އަރިސް މަދު ބަޔަކަށް ކަމަށާއި، ދެން ވެރިކަމަށް އިބޫ ވަޑައިގެންނެވި ނަމަވެސް ވާނީ އެހެން ކަމަށް ޠާރިޤް ވިދާޅުވިއެވެ.

އެމްޑީޕީގެ ކެންޑިޑޭޓް ކެމްޕޭނަށް ރަށްތަކަށް ވަޑައިގެން ދައްކަވާ ވާހަކަތަކުގައި އެއްވެސް އުއްމީދެއް ނެތްއިރު، ރައްޔިތުންނަށް މަންފާ ކުރާނެ، މި ސަރުކާރުން ނުކުރާ އައު އެއްވެސް ކަމެއްގެ ވާހަކަ ނުދައްކަމަށް ޠާރިޤް ވިދާޅުވިއެވެ.

"އިބޫ ރަށްރަށަށް ވަޑައިގެން ރައްޔިތުންނަށް ފައިދާއެއް ވާކަހަލަ، މި ސަރުކާރުން ނުކުރާ އައު ކަމެއްގެ ވާހަކަ އެއްގޮތަކަށްވެސް ނުދައްކަވާ، މުޅިންވެސް ރައީސް ޔާމީންގެ ވައުދުތައް ކޮޕީ ކުރައްވަނީ" ޤައުމުގެ ތަރައްޤީއަށް އެއްވެސް ސްޓްރެޓެޖިކް ޕްލޭނެއް ނެތްކަމަށް ވިދާޅުވެ އިބޫއަށް ފާޑުވިދާޅުވަމުން މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، އިބޫއަކީ 18 މަސް ދުވަހަށް ވެރިކަމަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވާ ބޭފުޅަކަށްވާތީ، ތަރައްޤީ ކުރުމުގެ މާބޮޑު ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށާއި، އެހާ ކުރުމުއްދަތަކަށް ވެރިކަމަށް ވަޑައިގަންނަ ބޭފުޅަކު އެހާ ބުރަ މަސައްކަތެއް ކުރައްވަން ބޭނުންފުޅުވެސް ނުވާނެ ކަމަށެވެ.

ރައްޔިތުންނަށް އެއްވެސް އުއްމީދެއް ނެތް ކެންޑީޑޭޓަކަށް ތާއީދުކޮށް މަރުޚަބާ ދަންނަވަން ދިވެހި ހެޔޮވިސްނޭ އެއްވެސް ރައްޔިތަކު ނުނިކުންނާނެ ކަމަށާއި، ދިވެހިން ބޭނުންވަނީ އުއްމީދީ، ދިވެހި ޤައުމަށް އުޖާލާ މުސްތަޤްވަލެއް ގެނުވާނެ ވެރިޔެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ކުރުމުގެ މުއްދަތު އިއްޔެ ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނުން ގުނަންފެށިއިރު، ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންގެ ރަނިންމޭޓުންނަށް އެމްއެންޑީއެފް އިން އަންނަނީ ސެކިއުރިޓީ ދެމުންނެވެ. އިންތިޚާބުގެ ވޯޓުލުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ މަހުގެ 23 ވާ އާދީއްތަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފޭދޫ ކުއްޖާ

    އުއްމީދެެއްނެތޭ ތިބުނަނީ ކޮންގޮތަކަުންތަ؟

    • މަ ހީނ ހީނ

      އެއްވެސް ގޮތަކުން އުންމީދެއް ނެތް. ކުޑަމިނުން ތިމާގެ ކެމްޕޭން މެނޭޖަރަކީ ކާކު ކަމެއްވެސް ނޭނގޭ. މީހަކު އަމިއްލައަށް ތިމަންނާއަކީ ކަލޭގެ ކެމްޕޭން މެނޭޖަރޭ ބުނީމަ އާނ އާނ ކަލޭ ދޯއޭ އެސޮރު ބުނަނީ. ދެންވެސް ކަލޭ ތިއަހަނީ ކޮން ގޮތަކުންހޭތަ؟

  2. Anonymous

    އިބޫއަށް އެއްވެސް ވޯޓެއް ދޭންނުޖެޙޭ، އެކަލޭގެ އެހެރީ ދާއިރާއެއްގެ މަޖިލިސް މެމްބަރަކަށް ރައްޔިތުން ހޮވާދިނީމަ އެދާއިރާއަށް ޢައްދާރުވެފައި، މަޖިލިސްގައި ތަރައްޤިއަށް ހުޅުވި އެއްވެސް ބަޖެޓަކަށް ވޯޓްނުދީ އެކަމަކު ކޮންމެ މަހަކު މުސާރައާއި އެލަވަންސް ފައިސާފުނި ނަގައިގެން ބަނޑަށްލަމުންދަނީ، މިފަދަ ބޮޑު ޚިޔާނާތްތެރިއ ވެރިކަމަށް ގެންނަން ވޯޓްދޭން ޖެހޭތަ؟؟

  3. Anonymous

    ޠާރިޤްމެންނަކަށް އުންމީދެއް ނުކުރެވޭނެކަން މާކުރިންވެސް އެނގޭ

  4. އަސްތާ

    ދާއިރާ އައް ކަމެއް ނޮކޮއްދެވިގެން އުޅޭއިރު ގައުމައް ކޮން ތަރައްގީ އެއްގެނެސް ދެވޭނީ