މިސަރުކާރުން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ދަރުވާލައި ބަނގުރޫޓް ކޮށްލާފައި ކަމަށް ކުރީގެ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ތިލަމާލެ ބްރިޖު އެޅުމަށް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުނި ވިއްކާލުމަށް ނިންމި ނިންމުމާއި ގުޅިގެން ކުރެއްވި ޓުވިޓެއްގައި ތޯރިގް ވިދާޅުވީ، އެފްކޮންސް ކުންފުނި ދަރަނިވެރިވެފައިވާ ފަދައިން، އަދުގެ ނާގާބިލް އެމްޑީޕީ ސަރުކާރުން، ސަރުކާރު ހިއްސާވާ ކުންފުނިތައް ދަރުވާލާފައިވާ ކަމަށެވެ.

އަދި، އެމްޑީޕީގެ ސަރުކާރަށް އިތުރު 5 އަހަރުގެ ދައުރެއް ލިބިއްޖެނަމަ، ސަރުކާރު ހިއްސާވާ ދިވެހިންގެ ހުރިހާ ކުންފުނިތައް ވިއްކާލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ އެފްކޮންސް ކުންފުނި ވިއްކާލަން ނިންމާފައިވަނީ އެކުންފުނި ހިންގަމުންދާ ޝާޕޫރުޖީ ޕަލޯންޖީ (އެސްޕީ) ގުރޫޕްގެ ދަރަނި އިންތިހާއަށް ބޮޑުވުމުގެ ސަބަބުން އެ ދަރަނި އަދާކުރުމަށެވެ.

ސަރުކާރު ކުންފުނިތައް ބަނގުރޫޓުވާ ވާހަކަ ތޯރިގު ފާހުން ކޮށްފައިވާއިރު، ދާދި ފަހުން މަގާމުން ވަކިކުރި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު، ހުސެއިން އަމްރު ވެސް ވަނީ ފެނަކައިގެ ހުރިހާ އެސެޓެއް ވިއްކިޔަސް ދަރަނި ނުދެއްކޭވަރަށް އެ ކުންފުނި ދަރާފައިވާ ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ޕާޓީގެ ބައެއް މެމްބަރުން ވެސް ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދަރަނި ބޮޑުވެފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.