އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހަމައެކަނި އަންހެނުންނަށް ހާއްސަކޮށް 250 ޕާކް ގާއިމު ކުރަން ނިންމައިފިއެވެ.

ނިއުދިއްލީގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރާ މި ޕާކުތަކަކީ ފިރިހެނުންނަށް ނުވަދެވޭ ގޮތަށް އަންހެނުންގެ ރައްކާތެރިކަމަށް ހާއްސަކޮށް ގާއިމުކުރެވޭ ޕާކުތަކެކެވެ. މި ޕާކުތަކުގައި ސީސީޓީވީ ކެމެރާތަކުގެ އިތުރުން ފާހާނަ، އަދި ޖިމެއް ގާއިމުކުރެވޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

"ޕިންކު ޕާކު"ގެ ނަމުގައި ގާއިމުކުރާ މި ޕާކުތަކާ ބެހޭގޮތުން ދިއްލީގެ ޑެޕިއުޓީ މޭޔަރު އާލޭ މުހައްމަދު އިގުބާލް ވިދާޅުވީ މިޕާކުތަކަކީ އަންހެނުންނަށް ރައްކާތެރިކަމާއެކު ތިބެވޭނެ ގޮތަށް ތައްޔާރުކުރެވިފައިވާ ތަންތަން ކަމަށެވެ.

ދާދި ފަހުން ބޭއްވި ބައްދަލުވުމެއްގައި އިންޑިއާގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ވިދާޅުވީ އިންޑިއާގެ ޗާންދުނީ މެހެލްގައި ގާއިމުކުރެވިފައިވާ "ޕިންކު ޕާކު" ފަދަ ގިނަ ޕާކުތައް އަދިވެސް ގާއިމުކުރަންވީ ކަމަށެވެ. އިންޑިއާގެ އެކި ސްޓޭޓްތަކުގައި ކޮންމެ އަވަށަކު އެކަހަލަ ޕާކެއް ގާއިމުކުރުމަށް އޭނާ ވަނީ ޚިޔާލުދީފައެވެ.

އެހެންކަމުން މުނިސިޕަލް ކޯޕަރޭޝަން އޮފް ދިއްލީން ނިންމީ އަންހެނުންނަށް ހާއްސަކޮށް 250 ޕާކު އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަށެވެ. އަދި އަންހެނުންނާއެކު 10 އަހަރުން ދަށުގެ ކުޑަ އަންހެން ކުދިންނަށްވެސް މިޕާކަށް ވަދެވޭނެއެވެ.

ޕާކުގެ ފާރުތަކުގައި އަންހެނުންނަށް ހާއްސަ މެސެޖުތައް ލިޔެފައިވާއިރު މުޅި ތަން ޑިޒައިންކޮށްފައިވާނީ އަންހެނުންގެ ހިޔާލާ އެއްގޮތަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިޕާކުތައް ގާއިމުކުރާ ސްޓޭޓްތަކުގެ ކައުންސިލްތަކުން މިހާރު ދަނީ ޕާކު ގާއިމުކުރަން އެކަށޭނަ ސަރަހައްދެއް ހޯދަމުންނެވެ.

ދިއްލީގައި މިހާރުވެސް އަންހެނުންނަށް އެކަނި ވަދެވޭ ގޮތަށް ޕާކުތައް ހަދާފައިވެއެވެ. މިޕާކުތަކަށް ފިރިހެނުންނަކަށް ނުވަދެވެއެވެ. އެގޮތުން "ޒަނާނާ ޕާކް" "ޕަރްދާ ބާގް" އަކީ މިހާރު ގާއިމުކުރެވިފައިވާ އަންހެނުންނަށް ހާއްސަ ޕާކުތަކެވެ.