މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް އަށް އަތޮޅަކަށް ހުދު ސަމާލު ނެރެފި އެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރިފައިވަނީ ފުވައްމުލަކުން ފެށިގެން އައްޑޫ ސިޓީ އަށެވެ. އަދި ބ. އަތޮޅުން ފެށިފެން ފ. އަތޮޅަށެވެ. އެއީ މިއަދު ހެނދުނު 7:00 އިން މެންދުރު 1:00 އަށެވެ.

ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓް އިން ވަނީ ލަފާކޮށްފަ އެވެ.

ވިއްސާރައިން ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް:

  • ވާރޭ ވެހުމާއި އުދަ އަރައި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން
    ގެއަށް ފެން ނުވަންނާނެ ހެން ވެލި ބަސްތާ ފަދަ ތަކެތި ޖެހުން
    ގެތެރޭގައި ފެންބޮޑުވުން ގެއްލުންވެދާނެ މުދާ އުސްތަންތަނަށް ބަދަލު ކުރުން ނުވަތަ ފެނުގެ އަސަރު ނުފޯރާ ތަނަކަށް ބަދަލު ކުރުން
    ގަދަވަޔާއެކު ފުރާޅު އެއްލާލަފާނެ ކަމަށް ލަފާކުރެވޭނަމަ ފުރާޅު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުން
    ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން
    ބޭނުންނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން
    ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުން

ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ފާއިތުވި ދެހަފްތާއެއްގައި ދުވަހު ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރުމަށްފަހު މިހާރު ވިއްސާރަ ބޮޑަށް ކުރަމުން ދަނީ މެދުރާއްޖެތެރެއިން ފެށިގެން އުތުރުގެ އަތޮޅުތަކަށެވެ.