ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ދ.ކުޑަހުވަދޫގެ ދެ ގެއެއްގެ ފުރާޅު ވަޔާ އެއްލާލައިފި އެވެ.

ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ފިކުރީ "ވަގުތަށް" ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން ރޭގެ އިރާކޮޅުގެ ވަގުތެއްގައި އެ ރަށުގެ ދެ ގެއެއްގެ ފުރާޅު ވަޔާއިއެކު އެއްލާލާފައިވާ ކަމަށެވެ.

ފުރާޅު އެއްލާލިއިރުގައި އެ ދެ ގޭގައި ތިބި މީހުން ތިބީ ނިދާފައި ކަމަށް ވެސް ފިކުރީ ވިދާޅުވި އެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

ފިކުރީ ވިދާޅުވީ ފުރާޅު އެއްލާލުމުގެ ސަބަބުން އެ ގެތަކުގައި ހިފާ ގެންގުޅޭ ހުރިހާ ސާމާނެއް ކަހަލަ ގޮތަކަށް ހަލާކުވެފައިވާ ކަމަށެވެ.

"ފުރާޅު އެއްލާލި އެއް ގެއެއްގައި ދިރިއުޅޭނެ ނުކުޅެދޭ ދެމަފިރިން. އެ ގެއަކީ ވަރަށް ބާވެފައި ހުރި ގެއެއް. އެ ފަރާތުން ބުނާގޮތުގައި އަލުން އެ ގޭގައި ދިރިވެސް ނޫޅެވޭނެ ދެން. އެ ދެމަފިރިން ކައުންސިލްގެ އެހީތެރިކަމަށް އެދުމުން ވަގުތީގޮތުން އެކޮމަޑޭޝަންވާނެ ހަމަޖައްސާދީފައި." ފިކުރީ ވިދާޅުވި އެވެ.

މި ހާދިސާއާއި ގުޅިގެން ކައުންސިލާއި އެމްއެންޑީއެފްއިން ގުޅިގެން އެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ފިކުރީ ވިދާޅުވި އެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް މެޓް އިން ވަނީ ލަފާކޮށްފަ އެވެ.

ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ލަފާކޮށްފައި ވެއެވެ.

ޗާގޯސްއަށް ވަރުގަދަ ކޮޅިގަނޑެއް، ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެ

މެޓް އިން ބުނެފައިވަނީ ކަނޑުތައް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި ހަތް ފޫޓާއި ހަތަރު ފޫޓް ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވެލެއްވުމާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ވެސް މެޓްއިން ވަނީ ލަފާކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ކިއާއެެއްޗެއް ނޭނގެ. ތޫފާނުގެ އަސަރެއް ނުކުރާނެ އޭ ވެސް ކީ

    3
    0
  2. ކުރަނޑިފަތި

    ތީ ކޮތަޅު ސޯލިހައް ދެވަނަ ދައުރެއް ނުލިބޭނެކަމުގެ ދަލީލެއް.